ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ރެއާލް ބެޓިސް، 1-0 އިން ބަލިކޮށްފިއެވެ.
ލީގުގައި މިހާތަނަށް ކުޅެފައިވާ ތިން މެޗުން ރެއާލް ހަތް ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު މި ވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ރަށުން ބޭރުގައި ރޭ ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގެ ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ޑިފެންޑަރު ޑެނީ ކަވަހާލްއެވެ. އެ ގޯލަކީ 2019 ވަނަ އަހަރު ނޮވެންބަރު މަހަށްފަހު ކަވަހާލް ރެއާލް އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ރޭގެ މެޗުގެ ގޯލް 61 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާއިރު، އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ގޯލުގެ ކުރިން ބެންޒެމާ އަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ގޯލް ކުރިމަތިން ކަހަލަ ގޮތަކަށް ބެންޒެމާ އަށް ލިބުނު ފުރުސަތެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ކަހަލަ ގޮަތަކަށް ބޭރަށެވެ.
ގޯލުގެ ކުރިން ކަވަހާލްގެ އިތުރު ހަމަލާއެއް ބެޓިސް ގޯލްކީޕަރު ވަނީ ދަނޑިމަތިން ޕަންޗު ކޮށްލާފައެވެ. މެޗުގައި ބެޓިސް ގޯލަކާ އެންމެ ގާތަށް ޖެހިލީ ނަބިލް ފެކީރުގެ ހިލޭ ޖެހުމުންނެވެ. ހިލޭ ޖެހުން ނުރައްކާ ކޮށް ދިޔަ ނަމަވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.
ރޭގެ މެޗުގެ ކުރިން ރެއާލްއާ ގުޅުވައިގެން އެންމެ ބާރަށް ދެކެވެމުންދިޔަ ވާހަކައަކީ އެޓީމުން ކިލިއަން އެމްބާޕޭ ގެންދަން ކުރާ މަސައްކަތުގެ ވާހަކައެވެ. ރެއާލް އިން ދެވަނަ ބިޑެއް 137 މިލިއަން ޕައުންޑުގެ އަގަކާއެކު މިހާރު ޕީއެސްޖީއަށް ހުށަހަޅާފައިވާއިރު، ޕީއެސްޖީން އަދިވެސް އަންނަނީ އެ އަގު ކުޑަ ކަމަށް ބުނަމުންނެވެ. ދެ ކްލަބުގެ ދެމެދު ވާހަކަތައް ދެކެވެމުން އަންނައިރު، ރެއާލްއަށް އަންނަނީ އެމްބާޕޭ ހޯދުމަށް ވަގުތު ކުޑަތަން ވަމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު