އިނގިރޭސި ޕްރިމިއާ ލީގު

ރަތް ކާޑަކާއެކުވެސް ޗެލްސީން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޔޫރަޕުގެ ޗެމްޕިއަން ޗެލްސީން ލިވަޕޫލާ ދެކޮޅަށް މިރޭ ނުކުތީ އެންފީލްޑުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސްއަށް ދެއްކި ރަތް ކާޑާއެކު ޗެލްސީން ފަހު ހާފު އެއްކޮށް ކުޅެފައި ވަނީ ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގައި ލިވަޕޫލުން ހަމަލާތައް ގިނަކޮށް ފެނުނު ނަމަވެސް ތޯމަސް ޓުޗެލްގެ ޗެލްސީން ވަނީ ވަރުގަދައަށް ޑިފެންސް ކޮށްފައެވެ.

މިރޭގެ މެޗަށް ނުކުތްއިރު ދެޓީމުވެސް އޮތީ މިހާތަނަށް ލީގުގައި ކުޅެފައި އޮތް ދެމެޗުން ކްލީން ޝީޓް ހޯދައި، ދެ މޮޅުވެސް ހޯދައިފައެވެ. އެހެންކަމުން މިރޭގެ މެޗުވީ ވަރުގަދަ ކުރިމަތިލުމަކަށެވެ. ލީގުގެ ތަށްޓައް ދެޓީމުންވެސް ވަރުގަދައަށް ވާދަކުރަމުންދާ އިރު، މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އެ ފޯރި ފެންނަން ފެށިއެވެ. ހޯމް ސަޕޯޓަރުން ދިޔައީ އެންފީލްޑް ގުގުމަމުންނެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުންވެސް ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ހަމަލާތަކަށް ދެކޮޅުންވެސް ދިޔައީ ފުރުސަތު ފަހިކުރަމުންނެވެ. ލިވަޕޫލްގެ އަރިމަތިން އެލެކްސެންޑްރާ އާނޯލްޑުގެ ރީތި ބޯޅަތައް ފާހަގަވެގެން ގޮސްފައިވާ އިރު، ފުރަތަމަ ކޮޅުގައި ޖޯޑަން ހެންޑަސަންއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތު އޭނާ ނަގާލިއެވެ.

ޗެލްސީން 22 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ރީސް ޖޭމްސްގެ ކޯނަރަކުން ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާގެ ބޯމަތިން ބޯޅަ ގޯލަށް އޮއްސާލީ ކައި ހަވާޓްސްއެވެ. ކައި އެ ބޯޅަ ފޮނުވާލީ ބޮލުންނެވެ. ލީޑާއެކު ޗެލްސީން ކުރިއަށް ޖެހިލިއެވެ. އެހެންނަމަވެސް އޭރުވެސް ރަނގަޅު ކޮމްބިނޭޝަން ޕާސްތައް ޖެހީ ލިވަޕޫލުންނެވެ. މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓް ފިރްމީނޯގެ އެޓޭކް ލައިނުން ޗެލްސީއަށް ނުރައްކާ ކުރިއެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފިރްމީނޯގެ ބަދަލުގައި ޑިއޭގޯ ޖޯޓާ ކުޅެން ނެރެފައިވާ އިރު، ޗެލްސީން އެންމެ ރަނގަޅަށް ކުޅެމުން ދިޔަ އެންގޯލޯ ކަންޓޭއަށްވެސް ފުރަތަމަ ހާފުގައި ވަނީ އަނިޔާވެފައެވެ. ޓުޗެލް އޭނާގެ ބަދަލުގައި ކޮވަސިޗް ކުޅެން ނެރުނީ ދެވަނަ ހާފަށެވެ.

ޗެލްސީން ގޯލަކާއެކު ހާފު ނިންމާލަން ދަނިކޮށް މެޗުގެ އޮއިވަރު ބަދަލުވީ ފުރަތަމަ ހާފުގެ ފަހު ތިން ވަރަކަށް މިނެޓުގައެވެ. ލިވަޕޫލުގެ ކޯނަރަކުން ޗެލްސީގެ އޭރިއާ ތެރެއަށް ނުރައްކާވި ބޯޅަ ޑިފެންސަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށް ފުރަތަމަ ޖޯލް މަޓިޕް ފޮނުވާލުމުން ބޭރަށް ނުކުތީ ދަނޑީގައި ޖެހިފައެވެ. އޭގެ ރީބައުންސްގައި އުނދަގޫ މަގާމެއްގައި އޮވެ މާނޭ ފޮނުވާލި ބޯޅަ ޗެލްސީ ޑިފެންޑަރު ރީސް ޖޭމްސް ލައިން މަތިން ސާފުކޮށްލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ، އެ ބޯޅަ ޖޭމްސް ބޭރުކޮށްލީ އަތުން ޖައްސައިގެން ކަމަށެވެ. ޖޭމްސްއަށް ރެފްރީ ސީދާ ރަތެއް ދެއްކިއެވެ.

ޖޭމްސް އަތުން ޖެއްސުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީން ސަލާހް ނަތީޖާ ހަމަހަމަކޮށް އުންމީދުގައި ފުރަތަމަ ހާފު ނިންމާލިއެވެ.

ޗެލްސީން ދެވަނަ ހާފަށް ކައި ހަވާޓްސްގެ ބަދަލުގައި ޑިފެންޑަރު ތިއާގޯ ސިލްވާ ނެރެފައިވާ އިރު، އޭނާ ވެގެން ދިޔައީ މެޗުން ޕޮއިންޓެއް ހޯދުމަށް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔަކަށެވެ. ޗެލްސީން ފަހު ހާފުގައި ވަރުގަދައަށް ޑިފެންސް ކުރިއެވެ. ލިވަޕޫލުގެ ނުރައްކާތައް ޗެލްސީ ގޯލްކީޕަރު އެޑުއާޑޯ މެންޑީ މަތަކުރިތަންވެސް ފެނިގެން ދިޔައެވެ.

ދުރުން ފަބީނިއޯ ފޮނުވާލި ބާރު ހަމަލާއަކާއި ވެންޑައިކް ފޮނުވާލި ބާރު ހަމަލާއެއްވެސް މެންޑީ މަތަކޮށްފައިވާ އިރު، ސަލާހާއި މާނޭގެ ހަމަލާއެއްވެސް މެންޑީ މަތަކޮށް ބޭރުކޮށްލިއެވެ. ޗެލްސީން ލުކާކޫގެ ފިޒިކަލް ބޭނުންކޮށް ބޯޅަ ހިފަހައްޓައިގެން މަދު ކައުންޓާ އެޓޭކުތަކެއް ތަނަވަސްކުރި އިރު، އެންމެ ހުސް ފުރުސަތު ލިބުނީ ކޮވަސިޗަށެވެ. އޭނާގެ ހަމަލާ މަތަކުރީ އެލިސަން ބެކާއެވެ.