ކުޅިވަރު

ރޮނާލްޑޯ އެނބުރި "ލޯބިވާ" މެންޗެސްޓާ ޔުނައިޓެޑާ ދިމާލަށް، ރަސްމީކޮށް ބިޑްކޮށްފި

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ދިއުމާ ގާތަށް ޖެހިލާފައި ވަނީ 25 މިލިއަން ޕައުންޑުގެ ބިޑެއް ޔުނައިޓެޑުން ޔުވެންޓަސްއަށް ރަސްމީކޮށް ހުށަހެޅުމާ އެކުގައެވެ. އިތުބާރު ހުރި ނޫސްތަކުން ވަނީ ޔުނައިޓެޑުން ބިޑު ހުށަހެޅިކަން ޔަގީން ކޮށްދީފައެވެ.

ރޮނާލްޑޯގެ ކެރިއަރުގައި ޕްރައިމްއަށް އަރައިގެން ދިޔަ ކްލަބު، ޔުނައިޓެޑަކީ އަބަދުވެސް ރޮނާލްޑޯއަށް ހާއްސަ ކުލަބެކެވެ. މި ޓްރާންސްފާ ސީޒަނުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ނިންމި ހިސާބުން އޭނާ ގެންދަން އެންމެ ގާތުން މަސައްކަތް ކުރީ މެންޗެސްޓާ ސިޓީން ނަމަވެސް، ހުރިހާ ކަމެއް ނިމިފައިވާ ކަހަލަ ގޮތަކަށް އޮއްވައި ޔުނައިޓެޑުން ވަނީ ޓްރާންސްފާގެ ތެރެއަށް ވަދެފައެވެ.

ޔުނައިޓެޑުން ރޮނާލްޑޯ ހޯދަން އެޖެންޓާ ކޮންޓެކްޓް ކުރި ހިސާބުން ސިޓީން އެ ޓްރާންސްފާއިން ބޭރުވެފައިވާ އިރު، ރޮނާލްޑޯ ޔުނައިޓެޑަށް ދާން ނިންމާނެ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. ބެލެވޭ ގޮތުގައި އެ ނިންމުން ނިންމަން ރޮނާލްޑޯ ބޭނުން ވަނީ ކުރިން ގިނަ މެޗުތަކެއް ކުޅެ، ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ކުލަބަކަށް ދިއުމުގެ ބޭނުމުގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މެންޑޭޒްއާ ހަމައަށް ޔުނައިޓެޑުން ދިއުމާ އެކު ރޮނާލްޑޯ ވަނީ "ޔުނައިޓެޑަށް ދާން ބޭނުންވާ،" ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ވަނީ އޭނާ ކެރިއަރުގައި މުހިންމު ދުވަސްތަކެއް ޔުނައިޓެޑް ޖާޒީގައި ކުޅެފައެވެ. 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގެ ދަށުގައި ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވާ އިރު، އެ ދުވަސްތަކުގައި އޭނާ ވަނީ އެ ކުލަބާ އެކު ތިން ފަހަރު ލީގު ހޯދައި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. ޔުނައިޓެޑަށް ކުޅެމުން ރޮނާލްޑޯ ފުރަތަމަ ބެލޮންޑިއޯވެސް ހޯދި އިރު، އޭނާއަކީ އެ ކުލަބާއެކު ކްލަބު ވޯލްޑް ކަޕުވެސް ހޯދި ކުޅަދާނަ ފޯވަޑެކެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. ކެރިއަރުގައި މިހާތަނަށް 780 ގޯލަށް ވުރެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯއަކީ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

ރޮނާލްޑޯ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް 2009 ވަނަ އަހަރު ބަދަލުވީ ރެކޯޑު އަގެއްގައެވެ. ސްޕެނިޝް ލީގުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ރޮނާލްޑޯ ގިނަ އަހަރުތަކެއް ވަންދެން ވިދާލާފައިވާ އިރު، ރެއާލްގައި ހޭދަކުރި ނުވަ އަހަރުގައި ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައި، ހަތަރު ފަހަރަށް ބެލޮންޑިއޯވެސް ހޯދާފައިވެއެވެ. އެއަށްފަހު ޔުވެންޓަސްއަށް ގޮސް އެޓީމަށް ކުޅުނު 98 މެޗުގައި 81 ގޯލް ރޮނާލްޑޯ ޖަހާފައިވާ އިރު، އެ ކުލަބާ އެކު ރޮނާލްޑޯ ވަނީ ލީގާއި ކަޕުވެސް ހޯދައިފައެވެ.

މި ޓްރާންސްފާ މާކެޓުގައި މިހާތަނަށް ވަނީ ވަރުގަދަ ބޮޑެތި ޓްރާންސްފާތަކެއް ހިނގައިފައެވެ. ރޮނާލްޑޯގެ ޓްރާންސްފާ ހިނގުމާ ފިޔަވަޅެއް ގާތަށް ޖެހިލާފައިވާ އިރު، ވާދަވެރި ލިއޮނަލް މެސީވެސް ވަނީ އޭނާގެ ޒަމާންވީ ކުލަބު ދޫކޮށް ޕީއެސްޖީއަށް ބަދަލުވެފައެވެ. މެސީގެ އިތުރުން ޕީއެސްޖީން ވަނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއާއި އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއާއި ޖީނީ ވައިނާލްޑަމް އަދި އަޝްރަފު ހަކީމީވެސް އެ ކުލަބަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ޔުނައިޓެޑުން ވަނީ ޖޭޑަން ސާންޗޯއާއި ރަފޭލް ވަރާންވެސް މި ސީޒަނަށް ގެންގޮސްފައެވެ. ހަމައެއާ އެކު ޗެލްސީން ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފޯވަޑް ރޮމެލޫ ލުކާކޫވެސް އަނބުރާ އެ ކުލަބަށް ގެންގޮސްފައެވެ.