މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި އަޅާ ބުރިޖުގެ އެއްބަސްވުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބުރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއެކު އިއްޔެ ސޮއިކުރުމާއި ގުޅިގެން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ތިލަމާލެ ބުރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
އަދި ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށްވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، ތިލަމާލެ ބުރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެއާ ގުޅިފައިވާ އަދި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ، އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓާ ގުޅިގެން އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއަކަށްވުމީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އެގައުމުން އިސްކަން ދޭނެ ކަމަށެވެ.
ތިލަމާލެ ބުރިޖަކީ ޖުމުލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު