އަނެއްކާވެސް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަކީ ފުޓުބޯޅައިގައި ދަށްވެފައި އޮތް ފޯރި އަލުން ގެނައުމަށް ލިބޭނެ އެންމެ ބޮޑު ފުރުސަތު ކަމަށް ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގައި އެތައް އަހަރެއް ހޭދަކޮށް، މިހާރު ޓީމުގެ އެސިސްޓެންޓް ކޯޗު، އަދި ގޯލްކީޕިން ކޯޗެއްގެ މަގާމުގައި ހުރި އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.

އިންމައަކީ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގައި 17 އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލެޖެންޑަރީ ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 109 މެޗު ކުޅެދީ، ފީފާގެ ޝަރަފުވެރި ސެންޗަރީ ކްލަބުގައިވެސް ހިމެނިފައެވެ. އިންމައަކީ ރެކޯޑު އަދަދަކަށް ގައުމީ ޖާޒީގައި ކުޅެ، އެ ޝަރަފު ހޯދި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ.

ރާއްޖެއާއި ލަންކާ ގުޅިގެން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކޮށްފައިވާ އިރު، އެ މުބާރާތް ކާމިޔާބުކުރުމުގައި ސަޕޯޓަރުންގެ ދައުރު ބޮޑެވެ. އިންމަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އެތައް ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމު އިންމައަށް އެފަހަރު ބަންޑުން ކޮށްލިވެސް މެއެވެ. ހާއްސަކޮށް ރާއްޖެއާއި އިންޑިއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗާއި ލަންކާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައިވެސް އިންމަގެ ފަރާތުން ފެނުނީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ. ލަންކާއާ ދެކޮޅަށް ކުޅުނު ސެމީގެ މެޗަށްފަހު ލަންކާ ކޯޗު ވަނީ އިންމަގެ ކުޅުމަށް ތައުރީފުވެސް ކޮށްފައެވެ.

"ވަރަށް މުހިއްމު ވަގުތެއްގައި ވަރަށް މުހިއްމު މުބާރާތެއް އަމިއްލަ ގައުމުގައި ކުޅެލަން މި ލިބެނީ. އެއީ ސާފް ޗެމްޕިއަންޝިޕް ތަށި އެންމެ ފަހުން ހޯދާފައިވަނީ ރާއްޖޭގެ ޓީމުން. ރާއްޖެއިން ބޭރުގައި ހޯދީ. އެހެންނަމަވެސް 2008 ވަނަ އަހަރު އެންމެން އެއް ކުލައެއްގައި ވަރަށް ފޯރީގައި ތަށި ހޯދީ. އެހެންވީމަ މިއީ ފުޓުބޯޅައިގައި ދަށްވެފައި އޮތް ފޯރި އަލުން ގެންނަން ލިބޭ ފުރުސަތެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ގައުމީ ޓީމަށް ސަޕޯޓު ނުކުރާނެ ދިވެއްސެއް ހުންނާނެ ކަމަކަށް. ފާޑު ކިޔުންތައް އެ އަންނަނީވެސް ދިވެހި ފުޓުބޯޅައަށް އޮންނަ ލޯތްބެއްގެ ސަބަބުން،" މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްތަކުގައި ރާއްޖެއަށް ގޯލްކީޕަރުން އަބަދުވެސް މުހިއްމުވާކަން އެންމެފަހުން 2018 ވަނަ އަހަރު ރާއްޖެއިން ހޯދި މުބާރާތުންވެސް އެނގިގެން ދިޔައެވެ. އެ މުބާރާތުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ. އިންމަ ފެންނަނީ އަބަދުވެސް ގޯލްކީޕަރުންނަށް ހިތްވަރުދޭ ކޯޗެއްގެ ގޮތުގައެވެ. ގައުމީ ކޯޗު އަލީ ސުޒޭންވެސް ފާހަގަކޮށްފައި ވަނީ އިންމައަކީ އެތައް ކުޅުންތެރިންނެއްގެ ރޯލް މޮޑެލްއެއް ކަމަށާއި، ކޯޗިން ޓީމުގައި އިންމަ ހިމެނުން އެއީ ލިބޭ ޝަރަފެއް ކަމަށެވެ.

ސަޕޯޓަރުންނާ ގުޅޭގޮތުން ޕްރެސްގައި އިންމަ އިތުރަށް ބުނީ ބޭނުން ވަނީ 2008 ގެ ފޯރި ތަކުރާރުކުރުން ކަމަށާއި، 12 ވަނަ ކުޅުންތެރިޔާ ދުނިޔެއަށް ދައްކާލަން ޖެހޭ ކަމަށެވެ.

"ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ މުޅި ދުނިޔެއަށް ދައްކާލަން ލިބޭނެ ވަރަށް މުހިއްމު ފުރުސަތެއް. އުންމީދަކީ 2008 ވަނަ އަހަރުގެ ފޯރި ގެނެސް ތަށި ރާއްޖޭގައި ބެހެއްޓުން،" އިންމަ ބުންޏެވެ.