ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މިފަހަރު ނުކުންނާނީ އަމިއްލަ ގައުމުގައެވެ. ކޮވިޑުގެ ހާލަތުގެ ތެރެއިން ދިމާވި އެކިއެކި ކަންކަމާއެކު މުބާރާތް އައިސް މި ހުއްޓުނީ އަމިއްލަ ގައުމުގައެވެ. މިއީ ފުރުސަތެކެވެ. މިއީ ޗެލެންޖެކެވެ. އެ ޗެލެންޖު ގައުމީ ޓީމާއެކު ނަގަން ހުންގާނުގައި ހުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނެވެ. ސުޒޭންއާއެކު އެފްއޭއެމްއިން އެކުލަވާލި ކޯޗިން ޓީމުގެ އައިޑެންޓިޓީއަކަށްވީ "ހުސް ދިވެހީން"ނެވެ. ސުޒޭންގެ ކޯޗިން ޓީމަކީ ހުސް ދިވެހި ކޯޗުންގެ ކޯޗިން ޓީމެކެވެ. މިއީ ސާފް ޗެމްޕިއަންޝިޕަކަށް ދިވެހި ޓީމުން 100 ޕަސެންޓް ދިވެހި ކޯޗިން ޓީމަކާއެކު ނުކުންނާނެ ފުރަތަމަ ފަހަރެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭންއާއެކު އެސިސްޓެންޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިސްމާއީލް މަހުފޫޒް (އިންމަ) އާއި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އެވެ. އޭގެ ތެރެއިން އިންމައަކީ ގޯލްކީޕަރު ކޯޗެއްވެސް މެއެވެ. އޭގެ އިތުރުން ރާއްޖޭގެ ކޯޗިން ޓީމުގައި ހިމެނެނީ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުލްރަހީމާއި ޓީމު ޑޮކްޓަރު އަބްދުﷲ ރާފިއުއެވެ.
ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް ފުރި ސުޒޭންގެ ވިސްނުން ހުރީ ލަފަ އާއި އިރުޝާދު ހޯދުމުގެ ވިސްނުމުގައެވެ. ސްކޮޑު ނެގުމުގައިވެސް މަޝްވަރާކޮށް، ކްލަބުތަކުގެ ކޯޗުންނަށް ޝުކުރުވެސް އަދާކުރިއެވެ. ދިވެހި ކޯޗުންގެ އަގު ހިފެހެއްޓުމަކީ މައިގަނޑު އަމާޒު ކަމަށް ބަލައި، ސުޒޭން ހުރީ އާ ޗެލެންޖަކަށް ތައްޔާރަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ދިވެހީންނަށް އިތުބާރުކުރުން އެއީ ވަރަށް މުހިއްމު ކަމެއް. އެފްއޭއެމްއަށް ޝުކުރު އަދާކުރަން މިފަދަ ކޯޗިން ޓީމެއް އެކުލަވާލާފައިވާތީ. މިއަދު އަޅުގަނޑު މިތަނުގައި ގައުމީ ޓީމުގެ ހެޑް ކޯޗަކަށް އައިސް މިހުރީ ހުރިހާ ދިވެހި ކޯޗުންގެ ހައްގުގައި. ދިވެހި ކޯޗުގެ މުސްތަގުބަލާ، މި މުބާރާތުގެ ކަންކަން ހިނގައިދާނެ ގޮތް ގުޅިފައިވާނެ،" ސުޒޭން ގައުމީ ކޯޗުކަމުގައި ދިން ފުރަތަމަ ޕްރެސްގައި ބުނެފައިވެއެވެ.
ސުޒޭންގެ ނަޒަރުގައި ގައުމީ ކޯޗުކަމަކީ ޒިންމާއެކެވެ. އެކަމުން ޝަރަފެއް ހޯދެން އޮތީ މުބާރާތް ނަގައިގެން ކަމަށް އޭނާ ބުނެފައިވެއެވެ.
"ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ސޯޝަލް މީޑިއާގައި އޮތް ލިޔެފައި. އެކަމަކު ޝަރަފަކަށްވުރެ ބޮޑަށް އެއީ ޒިންމާއެއް. އެ ޒިންމާ ރަނގަޅަށް އަދާކުރެވިގެން އެކަން ޝަރަފަކަށް ވާނީ،" ސުޒޭން ބުންޏެވެ.
ރާއްޖޭގެ އެކިއެކި ކްލަބުތަކާއެކު މަސައްކަތްކޮށް، ސުޒޭން ވަނީ ގިނަ ތަށިތަކެއް ހޯދައިފައެވެ. ސުޒޭން ކޯޗިން ކެރިއަރު ފެށީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ވިކްޓަރީންނެވެ. އޭނާ ވަނީ ވިކްޓަރީއާ އެކު ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 2012 ވަނަ އަހަރަށް ފަހު ވިކްޓަރީން ވަކިވެ އެފްއޭއެމުގައި ވެސް މަސައްކަތްކުރިއެވެ. ސުޒޭން ވަނީ 2016 ވަނަ އަހަރު މާޒިޔާއަށް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފައެވެ. ސުޒޭން އެންމެ ފަހުން ހުރީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމުގައެވެ.
ސުޒޭންގެ ވިސްނުމުގައި ރާއްޖޭގެ ފުޓުބޯޅައަށް މިއީ މުހިއްމު މުބާރާތެކެވެ. ގައުމީ ޓީމަށް ރައްޔިތުންގެ ސަޕޯޓު ދީ، ފުޓުބޯޅައިގެ ރޫހު އަލުން ގެންނަން މިއީ ނުކުންނަން ޖެހޭނެ ފަހަރެވެ. ރާއްޖޭގެ 12 ވަނަ ކުޅުންތެރިޔާއާ ނުލައި ހޯދުނު އެއްވެސް ކާމިޔާބީއެއް ނޯންނާނެ ކަމަށް ސުޒޭން ބުނެފައިވާ އިރު، ސަޕޯޓަރުންނާއެކު ތަށި ދިފާއުކުރަން ތައްޔާރު ކަމަށް ސުޒޭން ވަނީ ބުނެފައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު