ޔޫއެފާގެ އެންމެ ޝަރަފުވެރި ކްލަބު ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ވަރުގަދަ ޕީއެސްޖީ އާއި އެންމެފަހުގެ ރަނަރަޕް މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ގުރުއަތު ނެގުން މިރޭ ބާއްވާފައިވާ އިރު، ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިންގެ މަގާމުތައްވެސް އިއުލާން ކޮށްފައިވެއެވެ. މިދިޔަ ސީޒަނުގައި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޗެލްސީ އާއި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ.

ކުރިން ޗެލްސީއަށް ކުޅުނު ޑިފެންޑަރު ބްރާންސްލާވް އިވަނޮވިޗާއި މިޑްފީލްޑަރު މައިކަލް އެސިއަން މިރޭގެ ގުރު ނެގުމުގެ ހަފުލާގައި ހަރަކާތްތެރިވެފައިވާ އިރު، އެންމެ ވަރުގަދަ ގުރޫޕުގެ ގޮތުގައި ފާހަގަވެގެން ދިޔައީ ގުރޫޕް އޭ އެވެ. މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވާ ޓީމެއް ގުރޫޕުގައި ނެތް ނަމަވެސް އެންމެ ގިނަ ބަޔަކު ފެވަރިޓުންގެ ގޮތުގައި ގުނާނޭ ޕީއެސްޖީ އާއި ސިޓީގެ އިތުރުން ދެން އެ ގުރޫޕުގައި އޮތީ 2019 ވަނަ އަހަރު ސެމީގައި ކުޅުނު ޖަރުމަނުގެ ލެއިޕްޒިގާއި ކްލަބު ބްރޫޖެވެ.

ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ވާދަކޮށްފައިވާ އިރު، ދެ ލެގުން ސިޓީ ކުރި ހޯދީ އެގްރިގޭޓް 4-1ގެ ނަތީޖާއަކުންނެވެ. މެޗު ފެނިގެން ދިޔައީ ފޯރިގަދަކޮށެވެ.

އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ އޮތީ ގުރޫޕް އެޗް ގައެވެ. އެ ގުރޫޕަށް ޕޮޓް ދެއަކުން ލައްވާލީ ޔުވެންޓަސް އެވެ. ދެން ގުރޫޕުގައި ބާކީ އޮތް ޓީމުތަކަކީ ޒެނިތު ޕީޓާސްބާގާއި މަލްމޯ އެފްސީއެވެ. ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް އެއް ގުރޫޕަކަށް ގޮސްފައިވާ އިރު، އިންޓަ މިލާނާއި ރެއާލް މެޑްރިޑް ދިޔައީ ގުރޫޕް ޑީއަށެވެ. އޭގެ އިތުރުން ދެން ފާހަގަކޮށްލެވޭ ދެޓީމަކީ ބަޔާން މިއުނިކާއި ބާސެލޯނާއެވެ. އެ ދެޓީމު ދިޔައީ ގުރޫޕް އީ އަށެވެ.