ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ދެގުނައަށް އިތުރު ވެ، ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސް ވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ބަނދަރުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ނިމި، ދަތުރު ފަތުރުގެ ވިއުގަ އަޕްގްރޭޑު ކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކޮށް، މިހާރު މަސައްކަތް ކުރަމުން އަންނަ ރިޒޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ނިމުމުން ރާއްޖޭގެ އިގްތިސޯދު ދެގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.

ހުސްވި 2019 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގައި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު ދެ ގުނައަށް އިތުރު ކުރެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، މާލެ އާއި ވިލިނގިއްޔާއި ތިލަފުށި އަދި ގުޅީފަޅު ގުޅައިލުމަށް މިއަދު ސޮއިކުރި، ތިލަމާލެ ބުރިޖު މަޝްރޫއުގެ ސަބަބުން ވެސް މުޅި ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން މާލޭ ސަރަޙައްދުގެ ތޮއްޖެހުމަށް ހައްލު ލިބުމުގެ އިތުރުން، ސިނާއީ ތަންތަން ގުޅީފަޅާއި ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ ކަމަށާއި، އެ ބުރިޖުގެ ސަބަބުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅުގެ ކަނެކްޓިވިޓީ ވަރުގަދަ ވެ، ބައިނަލްއަގްވާމީ ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުން މި ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ހަރަދު ވެސް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ތަރައްގީގެ އާ މަރުހަލާއެއް ފެށިގެންދާނެ ކަމަށްް މިނިސްޓަރު ވިދާޅުވިއެވެ.