މާލޭގައި ހުންނަ ސްޓެލްކޯ މައި އިމާރާތުގައި ހުންނަ އިންޖީނުތަކުން އުނދަގޫވެ އެކި ބާވަތުގެ ގެއްލުން ލިބެމުންދާތީ އެ ސަރަހައްދުގައި އުޅޭ މީހުން ހުޅުމާލެއަށް ބަދަލު ކުރަން މާލޭ ސިޓީކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްޓެލްކޯ އިންޖީނުގެއިން ގެއްލުން ވަމުންދާ މައްސަލައިގައި ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން އެނޫން ސަރަހައްދަކަށް ބަދަލު ކޮށްދިނުމަށް އެދި ސިޓީކައުންސިލަށް ހުށަޅާފައިވާތީ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުުގައި އެކަމާމެދު މަޝްވަރާކޮށް ގޮތެއް ކަނޑައަޅާފައި ވާކަމަށެވެ.
ސިޓީކައުންސިލުން ނިންމީ ސްޓެލްކޯއަށް ވާ ގޮތަށް ކުރިމަތީ ހުރި ގޭގޭގެ މީހުންނަށް ހުޅުމާލެއިން ފުރުސަތު ހޯދައިދީ ހުޅުމާލޭގައި ވަޒަންވެރި ކުރުމަށް ކަމަށެވެ.
އެހެން ކަމުން އެކަން ކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހަޅައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެކަމާ ބެހޭގޮތުން ކައުސިލުން ފޮނުވަންޖެހޭ ލިޔުންތައް ފޮނުވާނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
ސްޓެލްކޯ އާ ކައިރި ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުން ކުރެއްވި ތީމުގޭގެ ސަލާމީ ކަންތައްތައް ވަރުގަދަ ކުރުމަށް އެސަރަހައްދުގައި ހުރި ބައެއް ގޯތިތައް ދައުލަތަށް ނެގުމަށްފަހު ބަދަލުގެ ގޮތުގައި ދީފައިވާ ގޯތިތަކުގައި ދިރިއުޅޭ މީހުންނެވެ.
އިންޖީނުގޭގެ ސަބަބުން އެމީހުންނަށް ލިބެމުންދާ ގެއްލުންތައް ތަފުސީލުކޮށް އެ ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ.
އެހެންކަމުން އެ މައްސަލަތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން އަންނަނީ ބަލަމުންނެވެ.
އޭގެ އިތުރުން ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން މަހުރޫމު ވެފައިވާ ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަން ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއްވެސް އެ ފަރާތްތަކުން ވަނީ ހުށަހަޅައިފައެވެ.
އެމީހުން ބުނެފައި ވަނީ، މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ޖަނަރޭޓާރުތައް ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުން ހޮޅިތައް ހުރިލެއް ތިރިކަމުން ޖައްވުގައި ހުންނަ ތެޔޮވަސް ދުވައި، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރު ވެ ކެއްސައި، ލޮލާއި ނޭފަތް ހިރުވައި، ނޭވާލާ ނިޒާމަށް އުނދަގޫ ވެ، ބޮލުގައި ރިއްސައި، ތަފާތު ބަިލިތަކަށް މަގުފަހިވެ، ވައިބްރޭޝަންތަކުގެ ސަބަބުން ގޭގައި ޖަހާފައި ހުންނަ މުއްޓަށް ތަކުރާރުކޮށް ގެއްލުން ލިބި ފާރުތަކުގައި ރެނދުލައި، ކުޑަކުދީންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަ ދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރު ވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ތެޔޮ ތާނގީތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ވެސް މެދުވެރިވެ، ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެސަރަހައްދުގެ މީހުންނަށް ނަފުސާނީ މައްސަލަތަކާއި ޕްރެޝަރުގެ މައްސަލަތައް ކުރިމަތިވެ ދުވަސްވީ ބައެއް މީހުންނަށް އިވުމުން މަހުރޫމް ވުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
މި ކަމާ ގުޅޭ ގޮތުން ސްޓެލްކޯ އިން މިއަދު ވަން އަށް މައުލޫމާތު ދެމުން ބުނީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ފާހަގަކޮށްފައި އެވާ އެއްވެސް ކަމެއް އެ ސަރަހައްދުގައި މިހާރު ނުހުންނާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ބޭނުންކުރަމުން އައި ކުދި ޖަނަރޭޓަރުތައް ނިއްވާލިތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ވައިބްރޭޝަން ފަދަ އެއްވެސް މައްސަލައެއްވެސް މިހާރު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އެއީ ކުރީގެ ވާހަކަތަކެއް، ގްރޭޓާ މާލޭ ގްރިޑް އާއެކު އެ މައްސަލަ ވަނީ މުޅީން ހައްލުކޮށްފައި. އެ ފާހަގަ ކުރާ އެއްވެސް މައްސަލައެއް އެ ސަރަހައްދުގައި މިހާރަކު ނުހުންނާނެ. " ސްޓެލްކޯއިން މިއަދު ބުންޏެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް