ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުންތައް ބާއްވަން ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ.
އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.
އެ މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އަލީ ވަހީދު ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. ނަމަވެސް އެއީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ނަމަވެސް ހައިކޯޓުންވެސް އެ މައްސަލަ ބޭރުކޮށްލުމުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ އައުމަށް އަންގައި އޭނާ އަށް ޗިޓު ފޮނުވައިފައެވެ.
ނަމަވެސް ކޯޓަށް ހާޒިރުވުމަށް ކުރި އަމުރާ އެއްގޮތަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ މައްޗަށް ވަނީ އަމަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު