ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގިރޭސި ވިލާތުން ހައްޔަރު ކުރިކަމުުގެ މައުލޫމާތު އެއްވެސް ފަރާތަކުން އަދި ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިނގިރޭސި ވިލާތުގައި ހުއްޓައި އަލީ ވަހީދު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން "ވަން" އިން ފުލުހުންނާ ސުވާލު ކުރުމުން ބުނީ އަލީ ވަހީދު ހައްޔަރު ކުރުމާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އަލީ ވަހީދު ހައްޔަރު ކުރި ކަމަށް ބުނާ އިރު، އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ އަޑުއެހުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ. އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.
އެ މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އަލީ ވަހީދު ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. ނަމަވެސް އެއީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ނަމަވެސް ހައިކޯޓުންވެސް އެ މައްސަލަ ބޭރުކޮށްލުމުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ އައުމަށް އަންގައި އޭނާ އަށް ޗިޓު ފޮނުވައިފައެވެ.
ނަމަވެސް ކޯޓަށް ހާޒިރުވުމަށް ކުރި އަމުރާ އެއްގޮތަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ މައްޗަށް ވަނީ އަމަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު