އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، ވާދަ ކުރުމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ޝަރުތު ހަމަ ނުވާ ކަމަށް އެމްޑީޕީން ނިންމި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

އެކަން ހާމަ ކުރައްވައި މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި މަހްލޫފު ވިދާޅުވީ، ގައުމީ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމަށް އޭނާގެ ޝަރުތު ހަމަ ނުވާ ކަމަަށް ނިންމި މައްސަލަ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމިޓީއަށާއި، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އިންތިހާބު ބާއްވަން 30 ދުވަހަށް ވެފައިވާއިރުވެސް އެފަރާތްތަކުން އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެ މައްސަލަ ސިޔާސީ ޕާޓީތަކުގެ ވެރިފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަހުލޫފު ހުށަހެޅުއްވީ، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވުމުގެ ސަބަބުން މަހްލޫފަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން މީގެ ކުރިން މަހުލޫފް ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މަޖިލިސް މެންބަރުކަމުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށްވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޖިނާއީ ކުށެއް ސާބިތު ނުވާހާ ހިނދަކު ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރެވެން ޖެހޭނެކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވެފައިވަނީ އޭނާއަށް ގެއްލިފައިވާ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިއީ އެމްޑީޕީން އަބަދު ވަކާލާތު ކުރި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް،" އޭނާއާ މެދު ތަފާތު ގޮތަކަށް އަމަލުކުރަމުން ގެންދާކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، މިއީ އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ސިޔާސީ ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަށް ޓަކައި އެތައް ގުރުބާނީއެއް ވެ، ސަރުކާރުގައި ރަނގަޅު ނަތީޖާ ނެރެދީފައިވާއިރުވެސް، ވެގެން އުޅޭ ގޮތެއް ނުވިސްނޭ ކަމަށް ވިދާޅުވިއެވެ.