މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ކަންތައްތަކެއް އޮޅުންފިލުވުމަށް ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން މަޖިލީހަށް ފޮނުވި ސިޓީއެއް އެ ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ.
ޔާމީން ރަޝީދުގެ ދައްތަ، މަޖިލީހަށް އެ ސިޓީ ފޮނުވާފައި ވަނީ 17 ޖޫންގައި ކަމަށާއި ނަމަވެސް އެ ދުވަސްވަރަކީ މަޖިލިސް ރިސެސްގައި އޮތް ދުވަސްވަރެއް ކަމުން އެ ސިޓީގެ ކަންތައްތަކުގައި އުޅެވިފައި ނުވާ ކަމަށް އިންތި ވިދާޅުވިއެވެ.
އެ ސިޓީއާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާ ކުރީ ކޮމިޓީ ސިއްރު ކޮށްގެންނެވެ. މަޝްވަރާއަށްފަހު އެކަމުގައި ކޮމިޓީގެ ނިންމުން ހާމަކުރައްވަމުން އިންތި ވިދާޅުވީ، ޔާމީން ރަޝީދުގެ ދައްތަ ފޮނުވި ސިޓީގައި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގައި ކަންކަން ހިނގަމުންދާ ގޮތާ ބެހޭ ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް ކަންތައްތަކެއް އޮޅުން ފިލުވުމަށް ކޮމިޓީން ނިންމީ ކަމަށްވެސް ވިދާޅުވިއެވެ.
ޕީޖީ ހާޒިރުކޮށް އޮޅުން ފިލުވަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޔާމީން ރަޝީދުގެ މައްސަލަ އާއި އެބާވަތުގެ އެހެން މައްސަލަތަކުގައި އާންމު ގޮތެއްގައި ޕްރޮސިކިއުޓާ ޖެނެރަލް ކަންތައް ކުރައްވާ ގޮތް ދެނެގަތުން ހިމެނެއެވެ.
އޭގެ އިތުރުން ވަކީލެއްގެ ގޮތުގައި ޕީޖީ ކޯޓަށް ވަޑައިގަންނަވަނީ ކޮން ބާވަތެއްގެ މައްސަލަތަކެއްގައިތޯ އާއި އެފަދަ ނިންމުންތައް ނިންމަވަނީ ކޮން ގޮތަކަށްތޯ އޮޅުން ފިލުވުމުގެ އިތުރުން ކޯޓު ތެރޭގައި ފަނޑިޔާރެއްގެ ފަރާތުން ފެންނަ ކަންކަމާ ގުޅޭ ގޮތުން ޕީޖީގެ ވަކީލުން ކަންކަން ފާހަގަކުރައްވަނީ ކޮން ގޮތަކަށްތޯ އޮޅުން ފިލުވުންވެސް ހިމެނެއެވެ.
ނަމަވެސް ޕީޖީ ކޮމިޓީއަށް ހާޒިރުކުރަނީ ކޮން ދުވަހަކު ކަމެއް އިންތި ވިދާޅެއްނުވެއެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު