ކޮންމެ ކުއްޖަކު ވެސް އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި އެކުއްޖާ ރަޖިސްޓްރީ ކުރަން ހުށަނާޅާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ހިމަނައި، އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލު، ރައްޔިތުންގެ މަޖިލީހަށް ބަލައި ގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތީ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލު ބަލައި ގަތުމުން އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކަށް ފޮނުއްވެވިކަން ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އިއުލާން ކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި ބިލުގައި ބުނެފައިވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީ ކުރުމާ ގުޅޭ އުސޫލުތަކާއި، ރާއްޖޭގައި އުފަންވާ ކުދީންނަށް އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދިނުމާ ގުޅޭ އުސޫލުތަކާއި، ރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތު ކުރުމާއި ރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓްރީ ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަށްޓަކައި ގާއިމުކުރަން ޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.
މި ބިލުގައި ބުނެފައިވަނީ އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމައި ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރުގައި ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމަކާއެކު، ރާއްޖެއަށް އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނެ ކަމަށް ވެސް ބިލުގައިވެއެވެ.
ރާއްޖޭން ބޭރުގައި އުފަންވާ ކުއްޖަކީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަން ވާ ކުއްޖެއް ނަމަ، އެ ކުއްޖާ އުފަންވި ގައުމުގައި އުފަންވުން ރަޖިސްޓްރީ ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ޓަކައި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާ ބެހޭގޮތުން ބިލުގައި ބުނެފައިވަނީ، ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުފަންވާ ކުދިން، އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ މުއްދަތުތަކުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ކުރުމުގެ އިތުރުން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
އެ ބިލުގައިވާ ގޮތުން، އުފަންވާ ކުދީންނާއި މަރުވާ މީހުންގެ ދަފްތަރެއް ވެސް ރަށް ނޫނީ ސިޓީ ކައުންސިލުން ބަލަހައްޓަން ޖެހެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ފޫޅުމައި ފޯމަކަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް މަރު ފޯމަކަށް ނުވަތަ އައިޑީކާޑަކަށް ސައްހަ ނޫން ބަދަލު ގެނައުމާއި، ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ އިތުރުން ގަސްދުގައި ގެއްލުން ދިނުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އަދި އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބެއްގެ ގޮތުގައި 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް