ނ. އިރުފުށި ހިންގުމުގެ މައްސަލައިގައި ހިލްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބަދަލުގެ ގޮތުގައި 16.6 މިލިޔަން ޑޮލަރު ސަން ޓްރެވަލް އަށް ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، ނ. އިރުފުށި ރިސޯޓު 20 އަހަރު ދުވަހުގެ މުއްދަތަށް، ހިންގުމަށް ހިލްޓަންއާ އެކު ސަން ޓްރަވަލްސް އިން 2009 ވަނަ އަހަރުގެ ފެބްރީއަރީ މަހުގެ 27 ވަނަ ދުވަހު ހަދާފައިވާ އެގްރީމެންޓް ބާތިލު ކުރުމުގެ މައްސަލައެކެވެ.

އެ މައްސަލައިގައި ހިލްޓަން އިން ރިސޯޓް ހިންގުމާ ހަވާލުވި ފަހުން، ކުރިއަށް އޮތް ފަސް އަހަރަށް އެ ކުންފުނިން ރިސޯޓު ހިންގަން ހުށަހެޅި، ފައިނޭންޝަލް ޕްރޮޖެކްޝަން ހުންނާނެ ގޮތް ދައްކުވައިދޭ ލިޔުމުގައި ބަޔާންކޮށްފައިވާ އަދަދާ ގާތްކުރާ އަދަދަށް ވެސް އެ ކުންފުނިން ޕާފޯމް ކޮށްފައި ނުވާ ކަމަށް ސަން ޓްރަވެލްސް އިން ވަނީ ބުނެފަ އެވެ.

އެކަމާބެހޭ ލިޔުން އެކުންފުނިން ތައްޔާރުކޮށްފައި ވަނީ ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށާއި އެއީ ހަމައެކަނި ސަން ޓްރެވަލްސް ލައްވައި އެގްރީމެންޓުގައި ސޮއިކުރުވުމުގެ ބޭނުމުގައި، ނެތް ހަގީގަތެއް ދައްކަން ތައްޔާރުކުރި ލިޔުމެއް ކަމަށް ވެސް ސަން ޓްރެވަލްސް އިން ބުނެފައިވެއެވެ.

އެހެންކަމުން ހިލްޓަން މޯލްޑިވްސް އިން އެގްރީމެންޓާ ހިލާފު ވެފައިވާ ކަމަށް ބުނެ، ނޯޓިސް ދިނުމަށް ފަހު އެކަން ރަނގަޅު ނުކުރުމުން 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެގެރީމެންޓް ބާތިލުވެފައިވާ ކަން ސަން ޓްރެވަލްސްއިން ހިލްޓަން އަށް އެންގިއެވެ.

މި މައްސަލައިގައި، ބަދަލު ހޯދުމަށް ސަން ޓްރެވަލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ މުއާމަލާތުގައި ހިލްޓަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އަމަލުކުޅަ ގޮތުގެ ސަބަބުން ސަން ޓްރެވަލްސް އަށް ލިބުނު މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 16.6 މިލިޔަން ޑޮލަރު ހިލްޓަންގެ ފަރާތުން ސަން ޓްރެވަލްސް އެންޑް ޓުއާސް އަށް ދޭން ޖެހޭކަން ސާބިތު ވެއްޖެ ކަމަށް ކަނޑައަޅައި މި ބަދަލު އެ ކުންފުންޏަށް ލިބިދިނުމުގެ ގޮތުން ނުވައެއް މާޗް 2017 އިން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭވަރު އެ މަހަކު ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ހުކުމް ކުރާ ކަމަށެވެ.

ނަމަވެސް މި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ހިލްޓަންގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ބަލައި، ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރިއެވެ.

ހުސްވި 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ، އެ ގަޒިއްޔާގައި ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމް ސަންޓްވެރަލް އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ސަންޓްރެވަލްއިން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލު ކޮށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ވިދާޅުވީ، މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

މި މައްސަަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ދެން އެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.