ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝްއިން ކިރިގިސްތާނުގައި ތަމްރީނު ކޭމްޕެއް ފުރިހަމަ ކުރުމަށް ތައްޔާރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑަރޭޝަންގެ ޖެނެރެލް ސެކެރެޓަރީ އަބޫ ނައީމް ބުނެފައި ވަނީ ގައުމީ ޓީމުގެ ކޯޗު ޖޭމީ ޑޭ އެދިފައިވާ ގޮތަށް، ކިރިގިސްތާނުގެ ކޭމްޕަކަށް ޓީމު ގެންދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝް އިން މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވާއިރު، އެގައުމަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ކޮވިޑް 19ގެ ހާލަތު ގޯސް ވުމެވެ. ކޮވިޑްގެ ސަބަބުން ބަންގްލަދޭޝްގެ ޓީމަށް ދަތުރުތައް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

"ކޯޗު ޖޭމީ ޑޭ އެފްއޭއަށް އެދިފައިވަނީ ރަނގަޅު ކޭމްޕަކަށް ހުރިހާ ކަމެއް އޮމާންކަމާއެކު ވަގުތު އޮއްވައި ކުރިއަށް ގެންގޮސް ދިނުމަށް. ކިރިގިސްތާނަށް ޓީމު ގޮސް ފުރަތަމަ މެޗެއް ކުޅޭނީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު. އެހެންވީމަ އޮގަސްޓް 31 އަށް އެގައުމަށް ޓީމަށް ދެވޭނެ ގޮތެއް ހޯދަން މި މަސައްކަތް ކުރަނީ،" ބަންގަލަދޭޝް އެފްއޭއިން ބުނެފައިވެއެވެ.

ބަންގްލަދޭޝް ލީގުގެ މެޗުތައް މިމަހު 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، މިއީ އެ ގައުމަށް އުނދަގޫ ފުޓުބޯޅަ ސީޒަނެކެވެ. ގިނަ މެޗުތަކެއް ކޮވިޑް 19ގެ ސަބަބުން ޑިލޭ ކުރަން ޖެހުމުން މިހާރު ޓީމުތައް ކުޅެމުން އަންނަނީ ވަރަށް ޓައިޓު ޝެޑިއުލެއްގައެވެ. ބަންގުބޮންދު ސްޓޭޑިއަމްގެ އިތުރުން ބިރެސްތާ ޝަހީދު ސެޕޮއި މުހައްމަދު މުސްތަފާ ކަމާލް ސްޓޭޑިއަމް އާއި ބަންގްލަދޭޝް އާމީ ސްޓޭޑިއަމްގައިވެސް މިހާރު މެޗުތައް ކުޅެމުން އަންނަނީ ގައުމީ ޓީމަށް ވަގުތު ދޭން އަވަހަށް ލީގު ނިންމުމަށެވެ.

ކިރިގިސްތާނުގެ ކޭމްޕުގައި ބަންގްލަދޭޝް އިން އެގައުމާ ދެކޮޅަށް ކުޅުމުގެ އިތުރުން ފަލަސްތީނާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އޭގެ އިތުރުން ކޭމްޕުގެ ފަހު މެޗަކަށް ކުޅޭނީ ކިރިގިސްތާނުގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ.

އޭގެ އިތުރުންވެސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ބަންގްލަދޭޝްއިން އިތުރު މެޗުތައް ކުޅޭނެ ކަމަށް ބެލެވެއެވެ. އިނގިރޭސި ކޯޗު ޖޭމީ ޑޭއާއެކު ބަންގްލަދޭޝް މިހާރު ފެންނަނީ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް އެންމެފަހުން ކުޅުނު މެޗުތަކަށް ބަލާއިރު އެގައުމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު އެއްވަނަ ދުވަހު ފަށާއިރު، މެޗުތައް އޮންނާނީ ރާއްޖޭގައެވެ. މިއީ ރާއްޖޭގައި ސާފް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖޭގައި ސާފްގެ މެޗުތައް ކުޅެފައިވާއިރު، އެފަހަރު ހޯސްޓް ކުރީ ސްރީލަންކާއާއެކުގައެވެ.