ލާމަރުކަޒީ ނިޒާމް

ފަޅު ރަށްރަށް ވަރުވާއަށް ލިޔެދީ، ކުއްޔަށް ދިނުމުގެ ބާރު ކައުންސިލުތަކަށް ދިނުމަށް ބިލު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ފަޅު ރަށްރަށް އެކި ވަރުވާއަށް ލިޔެދީ، އެ ފަރާތްތަކުން ރަށްތައް ވަކި ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް، ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޮނުވި މިބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

މި ބިލުގެ (ށ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކި ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށެވެ.

ނަމަވެސް އިދާރީ ދާއިރާތަކުގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން މި މާއްދާގެ (ށ) ގައި ބަޔާން ކުރާ ފަޅު ރަށްރަށް ފިޔަވައި އެނޫން ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކި ކުރާނީ ގަވާއިދުގައިވާ ގޮތުގެ މަތިން ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ މިނިސްޓްރީން ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގެ ހަތްވަނަ މާއްދާގައި ބުނެފައި ވަނީ ވަރުވާއަށް ލިޔެދީފައިވާ ފަޅު ރަށަކުން ރުއްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ ގަވާއިދުގައިވާ ގޮތުގެ މަތިން އަދި، ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގޮތުން އަމަލުކުރާ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

އެ މާއްދާގައި މިހާރު އޮންނަނީ އެފަދަ ރަށްރަށުން ލަކުޑި ކަނޑަން ވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދޭ ލަކުޑި ސިޓީއަކަށް، އަތޮޅު ކައުންސިލުން ފޮނުވާ މީހަކާއި އެ ރަށެއް ލިޔުއްވައިގެން އުޅޭ ނުވަތަ ހަވާލުވެގެން ހުރި ފަރާތެއްގެ ނުވަތަ އެ ފަރާތުން ފޮނުވާ މީހެއްގެ ހާޒިރުގައި ކަމަށެވެ.

ނަމަވެސް ރިސޯޓު ހެދުމަށާއި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅު ރަށްރަށް ދޫކުރުމުގެ ބާރު ގާނޫނުން ގެންނަ އިސްލާހުން ކައުންސިލްތަކަށް ލިބިދީފައެއް ނުވެއެވެ.

ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅު ރަށްރަށް ކުއްޔަށް ދޭނީ އިގުތިސޯދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މިނިސްޓްރީން ކަމަށެވެ.

އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅައިފިނަމަ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ރަށެއް އެ ކައުންސިލެއްގެ އިހުތިސާސުން ވަކި ކުރަން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުން ފިޔަވައި، އެނޫން ބޭނުންތަކަށް ރަށް ކުއްޔަށް ދޫކުރާނީ، އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެގޮތަށް ކުއްޔަަށް ދޭ ރަށެއް ގިނަވެގެން 21 އަހަރު ދުވަހަށް ކުއްޔަށް ދެވޭނެ ކަމަށާއި ނަމަވެސް އެރަށުގައި މަސައްކަތް ފަށާ އިރު ކުރާ އިންވެސްޓްމެންޓް 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނަމަ އެ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިނަށް ބަލައި 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.