"މަގެއް މަތީ ހިނގާލެވޭ ވަރެއް ނުވޭ. މި އިންޑިއާ މީހުންނާ ހެދި. ހީވަނީ އިންޑިއާގެ އަވަށެއްގަ އުޅެވޭހެން. ވެރިކަމުގަ ހުރި މީހާއަށް ބޮޑުވަޒީރު އަންގާ ގޮތަކަށް ޖީ ހާނ ކިޔައިގެން އެ ހުންނަނީ. ހުރިހާ ބލއެއް އަހަރެމެންނަށް."
މިއީ ހިތް ހެޔޮ ކަމަށް މަޝްހޫރު ދިވެހިން އިންޑިއާ މީހުންނާ ދޭތެރޭ ދެކޭ ގޮތެވެ.
ރާއްޖޭގައި އިންޑިއާ ޓޫރިސްޓުން ވަރަށް ގިނައެވެ. އެ މީހުންނަކީވެސް އެހެން ޓުއަރިސްޓުން ފަދައިން ގިނަ ހަރަދުތަކެއް ކޮށްގެން ރާއްޖެ އަންނަ ބައެކެވެ. އެ މީހުން އައުމުގެ ސަބަބުން ދިވެހި އިގްތިސޯދަށް ލިބޭ ފައިދާ ބޮޑެވެ. ނަމަވެސް ރާއްޖެއިން އެމީހުންނަށް ކުރަނީ މަލާމާތެވެ. ދެނީ ހުރިހާ ގޮތަކުންވެސް އަނިޔާއެވެ.
މިހާރު އެންމެ އަޑުގަދަވެފައިވަނީ ފޭކް ބުކިން ތަކުގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ރާއްޖެ ގެންނަ ވާހަކައެވެ. އަދި އެ މީހުން ރާއްޖެ އައުމުން އެ މީހުން މަގުމަތިކޮށްލާ ވާހަކަތަކެވެ. މައްސަލަތައް ފުލުހުންނަށް ހުށަހެޅި އެ މައްސަލަތައް ބަލަމުން އަންނަ ވާހަކައެވެ. ނަމަވެސް އަދިވެސް ފޭކް ބުކިންތަކުގައި މީހުން ގެނައުމަކަށް ހުއްޓުމެއް ނާދެއެވެ.
މި ފަހަކަށް އައިސް ރާއްޖެ އަށް އިންޑިއާ އެތައް ބަޔަކު މަގުމަތިވެ ހާލުގައި ޖެހިފައިވެ އެވެ. ބައެއް މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެ އެވެ. އަނެއް ބަޔަކަށް އޮޅުވާލައި ފުނިފުންޏަށް އެޕާޓްމެންޓްތަކަށާއި ކޮޓަރިތަކަށް ވައްދާފައިވެސް އެބަ ތިއްބެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ މި ފަހަކަށް އައިސް އިންޑިއާ ޓޫރިސްޓުންނާ މެދު އިހާނެތިކޮށް އަމަލުތައް ބަހައްޓާ މައްސަލައިގަ އެވެ. ތަފާތުކުރުންތައް ބޮޑު މައްސަލަ އެވެ.
ތަފާތުކުރުންތައް އިންތިހާ އަށް ބޮޑުވެފައިވާއިރު "ވަން"އާ ވާހަކަ ދައްކަމުން ގެސްޓު ހައުސް ހިންގާ މީހަކު ބުނިގޮތުގައި އޭނާގެ ގެސްޓުހައުސް ފުރިފައި އޮތީ އިންޑިއާ މީހުނުންނެވެ. އެކަމަކު އެއީ ކޮވިޑުގެ ހާލަތުގައި އޭނާ އަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ލިބުނު ފަހި ފުރުސަތެއް ގޮތަށް އޭނާ ދެކެ އެވެ.
"ކޮވިޑުގެ ހާލަތުގައި ވަރަށް ގެއްލުން ދެއްކި. އެކަމަކު މިހާރު މަޑު މަޑުން އެބައި ރަނގަޅުވަމުން އަންނަނީ. އަޅުގަނޑެއް ނުބަލަން އަންނަ ގެސްޓުންނަކީ ކޮން ގައުމެއްގަ ބައެއްތޯއެއް. ހުރިހާ ރޫމެއް ފުލްވެގެން ބުނީމަވެސް އާދޭސްވެސް ކުރޭ. ދެން އަޅުގަނޑު ބުނަން އެއް ރޫމެއް އެންމެނަކަށް ނުދެވޭނެ ނޫންހޭ. ދެން ކައިރީގަ ހުންނަ ގެސްޓުހައުސް އަކަށް ގެންދަނީ އެމީހުން. އެކަމަކު ގިނަ މީހުން ވަރަށް އިންސާނިއްޔަތުކަން ކުޑަކޮށް ކަންތައް ކުރަނީ." އޭނާ ބުންޏެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ އޭނާ ފިހާރައަކަށް ދިއުމަށް މަގުމައްޗަށް ނިކުތް އިރު އިންޑިއާ ފަތުރުވެރިޔަކު މަގުމަތީގައި ރޯން ހުރި ކަމަށެވެ. އަދި ކައިރީގައި އަންހެނަކާއި ކުޑަކުއްޖަކުވެސް ހުރި ކަމަށާއި އެމީހުން ތިބީ ލަގެޖުތަކާއެކު ކަމަށްވެސް ބުންޏެވެ. އަދި ވެގެން އުޅޭ ގޮތް އަހާލުމަށް އެމީހުން ކައިރިއަށް ދިއުމުގެ ކުރިން އެމީހުންނާ ތަންކޮޅެއް ދުރުގައި ހުރެ ދިވެހި ފިރިހެނަކު ހަޅޭލަވާ ތަންވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ.
"ބޮޑެތި ސިންގާ މީހުން ރޯނީ ކޮންމެވެސް ކަމެއް ވީމަތާ. ދެން އަހަރެން އެމީހުންނާ ކައިރިއަށް ޖެހިފަ ވާނުވާ އޮޅުން ފިލުވަން އުޅެނިކޮށް ދިވެހި އެމީހާ ހަޅޭލަވާ އަޑު އިވެނީ. ނުވައްދާނަމޭ ހުސްކޮށް ކިތަންމެ ކޮޓަރިއެއް ހުއްޓަސް. ކަލޭމެން އައިތާކަށް ދާށޭ ކިޔާފަ. ދެން އަޅުގަނޑަށް އެނގިއްޖެ މިއީ އިންޑިއާ މީހުން ވީމަ ކޮޓަރި ނުދޭންކަން މިއުޅެނީ." އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެ ސަރަހައްދާ ތަންކޮޅެއް ދުރުގައި ހުރި ގެސްޓު ހައުސްއަކަަށް އެމީހުން ގޮވައިގެން ދިޔަ ކަމަށާއި އަދި އެތަނުގައި ރޫމް ހުރުމުން އެމީހުންނަށް އެތަނުގައި ތިބެވޭނެ ގޮތެއް ހެދުމަށް އޭނާ އެތަނުގައި މަޑު ކުރި ކަމަށެވެ. އަދި އެމީހުން ހިންދީ ބަހުން ވާހަކަ ދައްކަން ފެށުމުން ކަލޭމެންތީ އިންޑިއާ ބައެއްހޭ އެތަނުގައި މަސައްކަތް ކުރާ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކުވެސް އެހި ކަމަށެވެ. އަދި އޭނާ އެތަނުގެ ވެރި މީހާ އަށް ގުޅުމަށްފަހު އިންޑިއާ ބަޔަކު އައި ކަމަށް ބުނި ކަމަށާއި އަދި ރޫމެއް ދޭންވީ އަގު އަހާލި ކަމަށެވެ.
"އާންމުކޮށް އެތަނުގެ ރޫމްތައް އުޅެނީވެސް 350ރ އާއި 500ރ އާ ދެމެދު. މީގެ ކުރިންވެސް އެތަނުން ދެނީ އެވަރަށް. އެކަމަކު އެއީ އިންޑިއާ މީހުންވީމަ އެމީހުން ބޭތިއްބީ ބޮލަކަށް ދުވާލަކަށް 750 ރުފިޔާ އަށް. ބަންގްލަދޭޝް މީހާ ގާތުވެސް ބުނެފަ އޮތީމަތާ އޭނާވެސް އެހެން ކަންތައް ކުރާނީ. ހަގީގަތުގަ ވަރަށް އިހާނަތިކޮށް މިހަދަނީ. އެ އަގުގަވެސް އެ ފަކީރުން ތިބީ އެތަނުގަ ތިބޭ ގޮތަށް." އޭނާ ބުންޏެވެ.
މުޅި އެއާޕޯޓުން ފެންނަނީވެސް އިންޑިއާ މީހުންނެވެ. ހުޅުމާލެއިންވެސް އަދި ގިނަ އަތޮޅުތަކުގައިވެސް އިންޑިއާ ފަތުރުވެރިން މިދުވަސްކޮޅު ގިނަ އެވެ. އެމީހުންގެ ކަރަންޓީނު މަރުކަޒަކަށް ރާއްޖެ ހެދުމުން ގިނަ ބަޔަކަށް އެކަން ވަނީ އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ވެގެންދިއުން ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެމީހުން ރާއްޖޭގައި ތިބޭ ކޮންމެ ދުވަހަކީ ރާއްޖެއަށް އެތައް ފައިސާއެއް ވަންނާނެ ދުވަހެއް ކަމެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ހީނަރު ކަމަށް ބަލާއިރު މިއީ މިހާލަތުން އަރައިގަތުމަށް ލިބޭ އެހީތެރިކަމެކެވެ.
ވިސްނަންވީ ކޮން ގައުމެއްގެ މީހުންތޯއެއް ނޫނެވެ. އިންޑިއާ މީހުން ވީތީ އިހާނެތިކޮށް ކަންކަން ކުރުމުން ވެއްޓެނީ ރާއްޖޭގެ އަގެވެ. އެކަމުގެ ސަބަބުން އަސަރު ކުރަނީ ފަތުރުވެރިކަމުގައި ރާއްޖެ ހޯދާފައި އޮތް ރީތި ބްރޭންޑަށެވެ. ދުނިޔޭގެ ނަންބަރު އެކެއްގެ ބްރޭންޑުގެ ގޮތުގައި ރާއްޖެ މި އޮތީ ވަކި ގައުމަކަށް ވީތީ، ވަކި ނަސްލަކަށް ވީތީ، ތަފާތު ކުރުމެއް ނެތި، ހަމައެކަނި ފަތުރުވެރީންގެ ގޮތުގައި އެމީހުންނާ މެދު ދެކިގެންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި މިދުވަސްވަރު އިންޑިއާ ފަތުރުވެރީންނަށް ކުރިމަތިވެގެން މި އުޅޭ ހާލަތާ ގުޅިފައިވާ އެއް ސަބަބަކީ ސިޔާސީ މަޝްރަހެވެ. އެ ގޮތުން އިންޑިއާ އައުޓް ކެމްޕެއިނާއި އިންޑިއާ އިން ރާއްޖެ އަޅުވެތި ކުރަނީ ކަމަށް ބުނެ ސިޔާސީ މަޝްރަހުގައި ވަކިހިއްޕާފައިވާ ގަދަ އަޑަކީ އިންޑިއާއިން އަންނަ ފަތުރުވެރީންނަށް ވެސް ނަފުރަތު ކުރުމަށް ހިތްވަރު ދޭ ކަމެއް ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.
ރަނގަޅު ވާހަކަ އެކެވެ. ކޮންމެ ގައުމެއްގެ މީހުން ވިޔަސް ގޯސް ކަންކަން ގޯސް ވާނެ އެވެ. އެކަމަކު އިންޑިއާއާ މެދު ސިޔާސީ ގޮތުން ބަޔަކު ކުރާ ނަފުރަތު އެއީ ރާއްޖޭގެ އަގުހުރި ފަތުރުވެރިކަމުގެ މޫނުމަތީގައި ޖެހޭ ލައްގަނޑަކަށް ވެގެން ނުވާނެ އެވެ. ސިޔާސީ ކަންކަން ސިޔާސީ މަގުން ހިންގުމަކީ އަދި އެހެން މައްސަލަ އެކެވެ. އިންޑިއާއާ ގުޅުވައިގެން ދެކެވޭ ސިޔާސީ މައުޟޫތައް ރަނގަޅު ވާނީ އޭގެ ހައްގު ކެޓަގަރީގައި ގެންގުޅުމެވެ. އެކަން ބޮޑު ކޮށް ފަތުރުވެރިކަމުގެ ތެރެއަށް ވައްދައިފި ނަމަ ދެން ނުކުންނަ ނަތީޖާ ވަރަށްވެސް ހިތި ވެދާނެ އެވެ. އޭގެ އާހިރު ނަތީޖާއަކަށް ވެގެން ދާނީ ފަތުރުވެރިކަމުގެ މުޅި އިންޑަސްޓްރީގެ މޫނުމަތީގައި ކަޅު ލައްގަނޑެއް ޖެހުމެވެ.
މީގެ ކުރިންވެސް ރާއްޖެއަށް އިންޑިއާ މީހުން ގެނެ އެވެ. އެހެން ފަތުރުވެރިންނެކޭ އެއްފަދައިން އެ މީހުންވެސް އަންނަނީ ވަރަށް ގިނަ ފައިސާ ހަރަދުކޮށްގެންނެވެ. އެމީހުން މިތަނުގައި ތިބެނީވެސް ކޮންމެ ދުވަހަކަށް އެތައް ފައިސާއެއް ހަރަދުކޮށްގެނެވެ.
އެހެން ކަމުން މީގެ ކުރިންވެސް ދިވެހިން ދެއްކި ރީތި ނަމޫނާ ދައްކާން ޖެހެ އެވެ. އަބަދުވެސް ހިތްހެޔޮ ކަމާއެކު ހިނިތުންވުމާއެކު އެންމެނަށް އެއް ނަޒަރަކުން ބަލާށެވެ. އެއީ ވަކި ގައުމަކަށް ވަކި ކުލަޔަކަށް ނޫނެވެ. އިންސާނަކަށްވީތީ އެވެ. ފަތުރުވެރީންނަށް ވީތީ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް