ޔުވެންޓަސްއިން ރޭ ސެރެއާ އޭ ފެށި މެޗު 2-2 އިން އުޑިނޭސީ ކައިރީ އެއްވަރު ވެގެން ނިމިއްޖެއެވެ. އެ މެޗުގެ ނަތީޖާއަށްވުރެ ބޮޑަށް ގިނަ ބައެއްގެ ލޯތައް އަމާޒުވީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. މެޗުގެ ފުރަތަމަ 11 އިން ރޮނާލްޑޯ ފެނިފައިޗނުވާއިރު، ހަބަރުތައް ބުނެފައި ވަނީ އެއީ ރޮނާލްޑޯ އަމިއްލައަށް އެދުމުން ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އަލެގްރީ ނިންމި ނިންމުމެއް ކަމަށެވެ.
މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ބޭނުން ވަނީ މި ޓްރާންސްފާ ސީޒަން ނިމުމުގެ ކުރިން ޔުވެންޓަސް ދޫކޮށްލުމަށެވެ. އަދި އެކަމަށް ކްލަބުގައި އެދުނު ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެފައިވާއިރު، އެންމެފަހުގެ ހަބަރުތައް ބުނެފައި ވަނީ ރޮނާލްޑޯ ގެންދަން އަދި އެއްވެސް ކްލަބަކުން ޔުވެންޓަސް އަށް ބިޑް ކޮށްފައި ނުވާ ކަމަށެވެ.
އެފަދަ ގޮތަކަށް ހަބަރުތައް ފެތުރުމުން މެޗުގެ ކުރިން ކަހަލަ ގޮތަކަށް ޔުވެންޓަސްގެ ނައިބު ރައީސް، ޕައުލް ނެޑުވެޑު ވަނީ އެ މައްސަލަ ސާފުކުރުމަށް މީޑިއާއާ ވާހަކަ ދައްކައިފައެވެ. ނެޑްވެޑު ބުނެފައި ވަނީ ރޮނާލްޑޯ ބެންޗުން މެޗު ފެށީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި، ޔުވެންޓަސް ގައި ރޮނާލްޑޯ މަޑުކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ.
މެޗުގެ ދެވަނަ ހާފްގައި ރޮނާލްޑޯ ކުޅެން ނުކުމެފައިވާއިރު، މެޗަށްފަހު ކޯޗު އަލެގްރީ ބުނެފައި ވަނީ ރޮނާލްޑޯ ފިޓް ނަމަވެސް މެޗުގެ ފުރަތަމަ 11 އަށް ނުނެރުނީ ދެ ފަރާތުންވެސް ވާހަކަ ދައްކައި އެއްބަސް ވެގެން ކަމަށާއި، އެއީ ޓްރާންސްފާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
ރޭގެ މެޗުގައި އުޑިނޭސީން ޔުވެންޓަސް ކައިރީ ޖެހި ދެ ގޯލްވެސް ޖެހީ ފަހު ހާފުގައި ފަހަތުން އަރައެވެ. ޔުވެންޓަސްގެ ގޯލްތައް ޖެހީ ޕައުލޯ ޑީބާލާ އާއި ޖުއާން ކުއާޑްރާޑޯއެވެ. އުޑިނޭސީގެ ދެ ގޯލް ޖެހީ ޕެރޭރާ އާއި ޑެލޮފޭއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު