ސިޔާސީ

ބަރުލަމާނީގެ ވާހަކަ ދައްކަން ރައްޔިތުން ބޭނުމެއްނޫން، އެއީ ނަޝީދު ފެންމަތީގައި އޮންނަން ދައްކާ ވާހަކައެއް: އުމަރު

ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކާންވެސް މި ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާ ކަމަށާއި ދޭތެރެ ދޭތެރެއިން މި ވާހަކައެއް މި ފެންމަތި ވަނީ ރައީސް ނަޝީދު މަންޒަރުން ގެއްލިދާނެތީ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު "ވަން" އަށް މިއަދު ވިދާޅުވީ ބަރުލަމާނީގެ ކަންތަކާ ބަޔަކު ނޫޅޭ ކަމަށާއި ނުވެސް އުޅޭނެ ކަމަށެވެ. އެއީ ބަޔަކަށް ފެންނަ އަވާ މެންދުރެއް ކަމަށާއި އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ހަގީގަތުގައި މި ކުރާ މަސައްކަތަކީ ރައީސް ނަޝީދުގެ އޮފުކަން ކެނޑޭތީ، ޕޮލިޝް ކޮށް ބެހެއްޓޭތޯ ކުރެވޭ މަސައްކަތެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ކާކުތޯ ބަރުލަމާނީގެ ވާހަކަ ދައްކަނީ؟ ބަޔަކު ނޫޅޭ އިނގޭތޯ އެކަމަކާ. އަސްލު މިއީ އެހެން ކަމެއް ވެގެން ދައްކާ ވާހަކައެއް. މި އުޅެނީ ރައީސް ނަޝީދު އަޑިޔަށް ހިނގައިދާނެތީ. އެހެންވެ ފެންމަތީގައި ބޭއްވޭތޯ ކުރާ ހިތްވަރެއް މިއީ. އެކަމަކު މިއިން އެއްވެސް ކަމެއް ދެން ކާމިޔާބެއް ނުވާނެ." އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަރުލަމާނީގެ ވޯޓެއް ނަގައިފި ނަމަ އެންމެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި ފެނުނު ނަތީޖާއަށްވުރެ ވެސް ތަފާތު ބޮޑު ނަތީޖާއެއް ފެންނާނެ ކަމަށާއި ރައްޔިތުން ތިބީ އެމީހުންގެ ވެރިކަން ދަމަހައްޓަން ކަމަށެވެ. ރިޔާސީ ނިޒާމުން ނޫން ގޮތަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ސިޔާސީ މީހުން ރައްޔިތުންނާ މެދު ހިތާ ގޮތާއި އިންތިހާބު ތަކުން ހޮވުމަށް ފަހު އެމީހުން ދެން ނުފެނުމާއި ވައުދު ނުފުއްފުން ފަދަ ކަންކަމާއި ކޮރަޕްޝަން އަދި މި ނޫންވެސް ނޭދެވޭ ކަންކަން އިންތިހާއަށް ބޮޑުވެފައި ވާއިރު، ރައްޔިތުން އެމީހުންގެ ބާރު ގެއްލިގެން ދާނެ ފިޔަވަޅެއް ނާޅާނެ ކަމަށް އުމަރު ވިދާޅުވި އެވެ. ދިވެހީންނަކީ ތަސައްރަފު ނުފުދޭ ހެޔޮ ނުބައި ނުވިސްނޭ ބައެއް ކަމަށް ބަޔަކަށް ހީވާ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވި އިރު، ބަރުލަމާނީ ނިޒާމު ގެންނާން ގޮވައިލުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ބަރުލަމާނީ އަކީ ރައީސް ނަޝީދު އިސްވެ ހުންނަވައި ގެންނަވާން ބޭނުންފުޅުވާ ނިޒާމެކެވެ. މި ނިޒާމަށް ވެރިކަން ބަދަލުކޮށް، ކުރިޔަށް އޮތް ދައުރުގެ ރިޔާސީ އިންތިހާބު ނުބާއްވައި އެމަނިކުފާނަށް ބޮޑުވަޒީރުކަން ލިބޭނެ ގޮތަށް ކަންކަން ބަދަލު ކުރުމަށް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފަ އެވެ.