ރިޔާސީ ޕްރައިމަރީގައި ވާދަ ކޮށްގެން ނޫނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
"އެމްޑީޕީ އިން ރިޔާސީ ޕްރައިމަރީއަކަށް ދާނެބާ، ނުދާނެބާ" ގެ ނަމުގައި ކްލަބް ހައުސްގައި ރޭ ކުރިއަށް ގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެވޭނީ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ހޯދައިގެން ކަމަށާއި، އެނޫން ގޮތަކަށް އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބަށް ވެސް އަދި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އެމްޑީޕީގެ ޓިކެޓް ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯދައިގެން ކަމަށާއި، ރިޔާސީ އިންތިހާބުގައިވެސް އޮންނާނީ ހަމަ އެގޮތް ކަމަށް ވަހީދު ވިދާޅުވިއެވެ.
އެ ނޫން ގޮތަކަށް އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ނުލިބޭނެ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
ވަހީދު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ޓިކެޓްގައި ހޮވި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރިހަމަ ކުރައްވާ ބޭފުޅަކަށް ޕްރިމަރީ އަކާ ނުލައި އިތުރު އެއް ދައުރަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އިބްރާހިމް މުހައްމަދު ސޯލިހަށް، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ލިބިވަޑައިގަންނަވަން ޖެހޭ ކަމަށްވެސް އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަނީ ވިދާޅުވަކުންނެވެ.
ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރައީސް އިބޫ ސޯލިހު އަދި ސާފުބަހުން ވިދާޅުވެފައެއް ނުވެއެވެ.
އިތުރު ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން އެކި ފަހަރު މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނޫސްވެރީން ކުރި ސުވާލުތަކަކާ ގުޅިގެން، އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް ދެ ޓާމަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތުމުން އެއީ އެމަނިކުފާނަށްވެސް ބަންދުވެފައިވާ ފުރުސަތެއް ނޫން ކަމަށެވެ.
ނަމަވެސް 2023 އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި ވާދަ ކުރައްވައި ކާމިޔާބު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދަިފައި ވަނިކޮށް، "އާސްކް ސްޕީކާ" ގެ ތިންވަނަ ޕްރޮގްރާމްގައި މިދިޔަ ޖުލައި މަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު