އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވެ، ރާއްޖޭގެ މާޒިޔާއަށް ޒޯނަލް ބުރުގެ ފުރުސަތު ގެއްލިއްޖެއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން އެޓީކޭ މޮޅުވީ ފަހަތުން އަރައި، 3-1 ގެ ނަތީޖާއަކުންނެވެ. މިވަގުތު މާޒިޔާ އޮތީ ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގައެވެ. ފަހު މެޗުގައި އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު އަތުން މޮޅުވިޔަސް މާޒިޔާއަށް އަނެއް ބުރުގެ ފުރުސަތު ނުލިބޭނެއެވެ. ބެންގަލޫރު ވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ހޯދި ނަމަވެސް ކަޓައިފައެވެ.

ގްރޫޕުގެ އެއްވަނައިގެ ގޮތުގައި އަނެއް ބުރުގެ ޖާގައަކަށް މިހާރު ވާދަކުރަނީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާއެކު އެއް ވަނައިގައި އޮތް އޭޓީކޭގެ އިތުރުން ދެ މެޗުން ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. އަންގާރަ ދުވަހު ހަވީރު ބަޝުންދަރާއާ އެއްވަރުކޮށްލައިގެން ވެސް އޭޓީކޭއަށް އަނެއް ބުރު ކަށަވަރު ކުރެވޭނެއެވެ. ބަޝުންދަރާ އަނެއް ބުރަށް ދާނަމަ ޖެހޭނީ އޭޓީކޭ ބަލިކުރާށެވެ.

ފުރަތަމަ މެޗުގައި ޑިފެންސިވް ގޯސްތަކެއްގެ މާޒިޔާ ބަޝުންދަރާ ކިންގްސް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު މިރޭގެ މެޗަށް މާޒިޔާ ނުކުތީ ފުރަތަމަ 11އަށް ދެ ބަދަލެއް ގެނެސްގެންނެވެ. ކުރިން މެޗު ފެށި ހަސަން ޝިފާޒް (ޑުންގާ) އާއި ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މޫސާ ޔާމީން (ޔާމްބެ) ވަނީ މިރޭގެ މެޗަށް ކުޅެން އަރުވައިފައެވެ.

މިރޭގެ މެޗު ފަށައިގެން ދެޓީމުންވެސް ހަމަލާތައް އުފައްދައި އެޓޭކިން ގޭމެއް ކުޅުނެވެ. މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެރިއާ ބޭރުން ޖެހި ބޯޅަ ގޯލުގެ ބޭރުން ދިޔަ އިރު، ދެ ކޯނަރެއްގައި މާޒިޔާގެ ޖީސޫސް ޕޯޒޯ އަށް ބޮލުން ޖަހަން ދެ ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ރަނގަޅު ޓެމްޕޯއެއް ހިފަހައްޓަމުން ދިޔަ މާޒިޔާއިން ލީޑު ނެގީ މެޗުގެ 24 ވަނަ މިނެޓުގައި އިބްރާހިމް އައިސަމް ޖެހި ގޯލުންނެވެ. އައިސަމް ގޯލު ޖެހީ އޭޓީކޭއަށް މާޒިޔާ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއްގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވި އެ ބޯޅަ މާޒިޔާއަށް ލިބުމުން އުފެއްދި ކައުންޓާގައެވެ.

އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި މާޒިޔާއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެފައިވެއެވެ. އޭގެ ތެރެއިންވެސް ހަމްޒާ މުހައްމަދު (ހަމްޕު)އަށް ފަހިވި ފުރުސަތު ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފުގައި އޭޓީކޭގެ ކުޅުން އެންމެ ރަނގަޅަށް ނުދެއްކުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް މާޒިޔާއަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ހަމްޕު އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ފޮނުވާލި ބޯޅަ އޭޓީކޭ ކުުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރުވީ ކޯނަރަކަށެވެ. އެ ކޯނަރުން މާޒިޔާގެ ޖަޕާން މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މާޒިޔާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު އިރު، ދެވަނަ ހާފުގައި އޭޓީކޭ އިން ކުރި ފުރަތަމަ އެޓޭކުގައި ވަނީ ގޯލެއް ޖަހައިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާޝުތޯޝް މެހެތާ ނެގި ހުރަހަކުން މި ގޯލު ޖެހީ ކޮލާސޯ ބޮލުންނެވެ. އެ ގޯލާއެކު ހިތްވަރު އާކޮށް، އޭޓީކޭ އިން ފަހު 30 މިނިޓަށް ބޯމަސް އާއި އަބީޝެކް ދަނަންޖޭ ކުޅެން އަރުވައި މެޗު އަނބުރައިލިއެވެ. ކުޅެން އެރިތާ މިނިޓެއް ވެސް ނުވަނީސް ބޯމަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭޓީކޭ އިން ވަނީ ލީޑު ނަގައިފައެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނެޓުގައި ކްރިޝްނާއެވެ.

މާޒިޔާ އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 77 ވަނަ މިނެޓުގައި އޭޓީކޭގެ ތިންވަނަ ގޯލު ޖެހީ މަންވީރުއެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ބޯމަސްއެވެ.