މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް މިއަދު ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަން ފަށައިފިއެވެ.
ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ.
ކުރިމިނަލް ކޯޓުން ބުނީ، ބޮމުގެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާ ކަމަށްވާ އިބްތިދާއީ އަޑުއެހުންތައް މިއަދު ފެށީ ބަންދު މަޖިލީހަށްފަހު ވަގުތު އޮތުމުން ކަމަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވައިލައިގެންނެއް ނޫނެވެ.
ކުރިމިނަލް ކޯޓުން ބުނީ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ލިޔުންތައް ލިބިފައިވޭތޯ ޝަރީއަތުން ސާފުކުރި ކަމަށާއި ދައުވާ ލިބޭ ހަތަރު މީހުންނަށްވެސް ލިޔުންތައް ލިބިފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އަދުހަމާއި ހައިޝަމް ވަކީލަކާއެކުގައި ކުރިއަށްދާން އެދުމުން އެ ދެ މީހުންނަށް ވަކީލަކު އައްޔަން ކުރުމަށް ދިހަ ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މިއަދުގެ އަޑުއެހުމަށް މުޖާޒާއި ތަހުމީން ހާޒިރުވީ ވަކީލުންނާއެކުގައެވެ. އެމީހުންގެ ވަކީލުންގެ ފަރާތުން ވަނީ ލިޔުންތައް ދިރާސާކުރުމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ.
ކުރިމިނަލް ކޯޓުން ބުނީ އަޑުއެހުމެއް ދެން ބާއްވާނީ ވަކީލުން އައްޔަން ކުރުމަށާއި ލިޔެކިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު