މާލެ އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ރަސްފަރީގެ ފަރަށް އުރުނު ބޮޑު އާގު ބޯޓު ފުން ކުރުމަށް ލަންކާއިން ޓަގު ބޯޓެއް ގެނައުމަށް ނިންމައިފި އެވެ.

އެ ބޯޓު ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް، އުރިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްއެންޑީއެފުން ބުނީ، ޕެނަމާގެ 190 މީޓަރުގެ ބޮޑު ކާގޯ ބޯޓު ނިސްބަތްވަނީ ގްރީކް ކުންފުންޏަކަށް ކަމަށާއި އެ މީހުންގެ ދިވެހި އެޖެންޓަކަށް އެންޓާކް މޯލްޑިވަސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ބޯޓު ފުން ކުރުމަށް އަންނަ ހޯމަ ދުވަހު ލަންކާއިން ޓަގު ބޯޓެއް އަންނަ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފުން ވަނީ ހިއްސާކޮށްފަ އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުން ދަނިކޮށް އެ ބޯޓު ފަރަށް އެރީ އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ

ޓެލެކޮމިއުނިކޭޝަން ސައިޓެއްގެ މަސައްކަތް ކުރުމަށް 21 އަހަރަށް ދިރާގަށް ދީފައި އޮންނަ އެ ރަށަކީ ސިނާއީ، ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވަ ރަށެކެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމު "ވަން" އަށް އިއްޔެ ވިދާޅުވީ، ބޯޓު ފަރަށް އެރުމާއި ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ބޯޓު ފުންކޮށް، މުދަލާއި މީހުން ސަލާމަތް ކުރުމަށް ކަމަށާއި އެގޮތުން ބޯޓުގެ ވެރިފަރާތުން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބޯޓު ފުން ކުރުމަށް ދޭނެ މުއްދަތަކާމެދު ވާހަކަ ދެކެވެމުންދާ ކަމަށް ނައީމު ވިދާޅުވިއެވެ.

ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ފަރަށް ލިބޭ ގެއްލުންތަކަށް ބެލުމަށްފަހު އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާއެވެ. ނަމަވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު އޮވެއެވެ.