ހިޔާ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން މާދަމާ ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނީ ފަހެއް އަދި ހަވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިރޭ ބުނީ މާދަމާ ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފަހެއް އަދި ހަވަނަ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށާއި އެ ފަރާތަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާ އެކު ފުލެޓުތަކުގެ ތަޅުދަނޑި ހިފައިގެން ޓަވަރުތަކަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

ސްޓެލްކޯ އިން ފެށި އެ މަސައްކަތުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ދެ ޓަވަރަށް ކަރަންޓު ދިނުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 ކުރިއަށްދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން ހިޔާ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ފުރަތަމަ ދުވަހު ކަރަންޓު ދީފައި ވަނީ 15 އަދި 16 ވަނަ ޓަވަރަށެވެ. އަދި ބުދަ ދުވަހު 11 އަދި 12 ވަނަ ޓަވަރަށް ކަރަންޓު ދީފައިވާ އިރު، އިއްޔެ ކަރަންޓު ދީފައި ވަނީ 7 އަދި 8 ވަނަ ޓަވަރަށެވެ.

ނަމަވެސް މިއަދު ކަރަންޓު ދޭން ނިންމާފައިވާ ދެ ޓަވަރުގެ ލިފްޓުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ކަރަންޓުދީފައެއް ނުވެއެވެ. އެއީ 3 އަދި 4 ވަނަ ޓަވަރެވެ.

ސްޓެލްކޯ ކުރިން ބުނެފައިވާ ގޮތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ނަމަ، އެ މީހެއްގެ ފުލެޓަށް ދެން އެ ފުރުސަތު ދެވޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުންނެވެ.