ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އޮފީހުން ވައްކަން ކުރަން ފުރާޅު މައްޗަށް އަރައި ހުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އާރުޑީސީ އޮފީހުގެ ފުރާޅު މައްޗަށް އަރައި ހުރި މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އާރުޑީސީން ރޭ ވައްކަން ކުރަން އުޅުނު އިރު، މިދިޔަ އާދިއްތަ ދުވަހުގެ ރޭވެސް އެތަނުގެ ފުރާޅުން ޓިނު ނަގައިގެން، ވަދެ، މީހަކު ވަނީ ވައްކަންކޮށްފައެވެ.
އާރުޑީސީ އޮފީސް ފަޅާލި މައްސަލައާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތައް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ނަމަވެސް އާރުޑީސީ ފަޅާލައި ވައްކަން ކުރި އެއްވެސް މައްސަލައަކާ ސިޔާސީ އެއްވެސް ކަމަކާ އަދި ބަޔަކާ ގުޅުމެއް އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
އާރުޑީސީ އޮފީސް ވަނީ ތިން ފަހަރެއްގެ މަތިން ފަޅާލައިފައެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް އެ އޮފީސް ފަޅާލައި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވެއެވެ. އަދި އޭގެ ހަފުތާއެއް ފަހުން އޮފީސް ފަޅާލައި 3،000 ރުފިޔާ ވަގަށް ނަގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު