ޕެނަމާގެ އާގު ބޯޓެއް އިއްޔެ އުރުނު ކ. ރަސްފަރި ފަރަކީ، ހިމާޔަތްކޮށްފައިވާ ފަރެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް، އިއްޔެ އުރިފައިވަނީ ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ ބޮޑު ކާގޯ ބޯޓެކެވެ. އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުން ދަނިކޮށް އެ ބޯޓު ފަރަށް އެރީ އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްފަރީއަކީ ޓެލެކޮމިއުނިކޭޝަން ސައިޓެއްގެ މަސައްކަތް ކުރުމަށް 21 އަހަރަށް ދިރާގަށް ދީފައި އޮންނަ ރަށެކެވެ. އަދި އެއީ ސިނާއީ، ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވަ ރަށެކެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމު "ވަން" އަށް މިއަދު ވިދާޅުވީ، ބޯޓު ފަރަށް އެރުމާއި ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ބޯޓު ފުންކޮށް، މުދަލާއި މީހުން ސަލާމަތް ކުރުމަށް ކަމަށާއި އެގޮތުން ބޯޓުގެ ވެރިފަރާތުން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބޯޓު ފުން ކުރުމަށް ދޭނެ މުއްދަތަކާމެދު ވާހަކަ ދެކެވެމުންދާ ކަމަށް ނައީމު ވިދާޅުވިއެވެ.
ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ފަރަށް ލިބޭ ގެއްލުންތަކަށް ބެލުމަށްފަހު އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާއެވެ. ނަމަވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު