ޚަބަރު

މަގުމަތިވި ފަތުރުވެރިން ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައި: ހަނަފީ

އަލީ އަފާފް ރަމީޒު

މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައި އިންޑިއާގެ 27 ފަތުރުވެރިން އަދިވެސް ތިބީ ޔޫތު މިނިސްޓްރީ އާއި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެއެވެ.

އެމީހުން ރާއްޖެ އައިސްފައިވަނީ މާފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރުމަށް 30،000 ޑޮލަރު ދައްކައިގެންނެވެ. ނަމަވެސް އެމީހުން ވެއްދީ މާލޭގައި ހުރި ފަޅު ގެއަކަށެވެ. އަދި އެތަނަށް އެމީހުން ބޭލުމަށްފަހު، އެމީހުންނާ ހަވާލުވެގެން ހުރި މީހާ ވަނީ ފިލައިފައެވެ.

އަންހެނުންނާއި ކުޑަކުދިން ހިމެނޭ އެ ފަތުރުވެރިންގެ ގްރޫޕަށް އިމިގްރޭޝަނާއި ފުލުހުންނާއި ރެޑް ކްރެސެންޓް އަދި ހެޔޮއެދޭ ފަރާތްތަކުން ގުޅިގެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެކަމުގައި އެންމެ ބޮޑަށް އެހީތެރިކަމެއް ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ދެކަނބަލުންނެވެ. އެގޮތުން އެ ފަތުރުވެރިން އެރޭ ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްއަށް ގެންގޮސްފައެވެ.

ހަނަފީ މިރޭ "ވަން" އަށް ވިދާޅުވީ އެ 27 ފަތުރުވެރިން އަދިވެސް ތިބީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކަމަށާއި އެމީހުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ހަމަޖައްސަމުން ގެންދަނީ އެމީހުން އަމިއްލައަށް ކަމަށެވެ.

"އެފަރާތްތައް ތިބީ އެދުވަހު ގެންދިޔަ ފެސިލިޓީގައި، އެބޭފުޅުން ކެއުމުގެ ހަރަދާއި ހުރިހާ އެއްޗެއް އެބޭފުޅުން އަމިއްލައަށް ބަލަހައްޓަމުން ގެންދަވަނީ. އެބޭފުޅުން ފުރާ ދުވަސް ހަމަޖެހުނީމަ އެބޭފުޅުން ފުރައިގެންދާނެ،" ހަނަފީ ވިދާޅުވިއެވެ.

ފުލުހުންނާއި އިމިގްރޭޝަނުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ އިރު، މި މައްސަލައިގައި މިހާތަނަށް ވަނީ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އެމީހުންނާ ހަވާލުވެގެން ހުރި ބިދޭސީ މީހާއެވެ.

ފޭކް ބުކިންގެ މައްސަލަ އިތުރުވެފައިވާ އިރު، ސަރުކާރުން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލައި ޗެކްކުރުމަށް އިންސްޕެކްޝަނެއް ވަނީ ފަށައިފައެވެ.

މީގެ އިތުރުން ވަގު ބުކިން ހައްދައިގެންނާއި އޮޅުވާލައިގެން ޓޫރިސްޓުން ގެނެސް މަގުމަތިކުރާ މައްސަލަ ހުއްޓުވުމަށް އިމިގްރޭޝަން ސިސްޓަމަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ. އެގޮތުން މަދު ރޫމް ހުންނަ ގެސްޓް ހައުސްތަކަށް ގުޅައިގެން އިމިގްރޭޝަނުން އަންނަނީ ބުކިންތަކުގެ ސައްހަކަން ކަށަވަރު ކުރަމުންނެވެ.