އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާ މަރާލި މައްސަލައިގެ ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންގޮސްފިނަމަ މި މައްސަލަ ސާބިތު ކުރުމަށް ވަރަށް ބޮޑަށް ފުރުސަތު އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ މަރުގެ މި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް ހެކިވެރިންގެ ބަހާއި ޑީއެންއޭ ރިޕޯޓާއި އަދި މިނޫންވެސް އެތައް ހެއްކެއް އެބަހުރި ކަމަށެވެ. އަދި މި މައްސަލައިގެ ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންގޮސްފިނަމަ ސާބިތުކުރުމުގެ ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގައި ޕޯސްޓުމޯޓަމުގެ ފައިނަލް ރިޕޯޓުވެސް އަދި ލިބިފައިނުވާ ކަމަށާއި މީގެ އިތުރުންވެސް މި މައްސަލައިގައި ނުލިބޭ މައުލޫމާތުތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން މި މައުލޫމާތުތައް ލިބުމުން ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.

ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން މި ދެމީހުންގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއްވެސް އުފުލައިފައެވެ.