ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރާ މީހުންނަށް އެފަދަ ޖާގައެއް ނުދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލައި ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮތް މައްސަލައިގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލު ވުމެއްގައެވެ.

ޕީޖީ ވިދާޅުވީ މިއީ ރާއްޖޭގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި މި މައްސަލައިގެ ރިޕޯޓު ކިޔާލުމުން ވަރަށް އަސަރުކުރެއްވި ކަމަށެވެ. އަދި މިފަދަ ކުށްތައް ކުރާ މީހުންނަށް ވަރަށް ސާފު މެސެޖެއް ދެއްވަން ބޭނުންވާ ކަމަށާއި އެގޮތުން ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރުމުގެ ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ލުއިކޮށް ނުނަންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށެއް ކޮށްފި ނަމަ އެ ކުށެއްގެ ދައުވާގެ އިތުރުން ކުޑަކުއްޖެއް ބޭނުންކޮށްގެން ކުށް ކުރީތީ އެކަމަށް ވަކިން ވެސް ދައުވާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެ މަގާމުގައި ހުރެގެން ކުށްކުރުމަށް ޖާގަ ނުދެއްވާނެ ކަމަށާއި ކިރިޔާވެސް މިފަދަ މީހަކަށް ދައުވާ ކުރެވެން އޮތް ނަމަ ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ކުށް ކުރާ ކުއްޖާއަށް ދައުވާ ނުކުރިޔަސް އެ ކުއްޖާ ލައްވާ އެކުށް ކުރި މީހާއަށް ދައުވާ ކުރާނަން. ކުޑަ ކުއްޖަކު ބޭނުން ކުރާ މީހެއްގެ މައްޗަށް ދައުވާ ކުރާކަށް ގާނޫނީ ހިފެހެއްޓުންތަކެއް ނެތް، އެކަމަކު ކުޑަކުއްޖާއަށް ގާނޫނީ ގޮތުން އެ އަޅަންޖެހޭ ފިޔަވަޅު އަޅާނަން. ރިހިބިލިޓޭޓު ކޮށް ދެން ޖުވެނައިލް ޑިޕާޓުމަންޓުން ނިންމާ ގޮތަކަށް އެކަންތައް ދާނީ." އޭނާ ވިދާޅުވިއެވެ.

ގާނޫނުގައި ކުޑަކުދިން ލައްވައި ކުށް ކުރުމަކީ މަނާކަމެއްގެ ގޮތުގައި އޮންނަ އިރު، މާލޭގެ ކުށްކުރާ މީހުން ނިސްބަތްވާ ގިނަ ގޭންގުތަކުގައި ކުޑަކުދިން ބޭނުންކޮށް އެކި ކަހަލަ ކުށް ކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.

މީގެ ތެރެއިން 37 އަހަރުގެ އިބްރާހިމް ޒިހާންގެ މައްޗަށް ވަނީ 13 ދައުވާއެއް ކޮށްފައެވެ. އަދި މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 100 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. އަދި 17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ އިރު، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.