އޭއެފްސީ އޭޝިއަން ކަޕުގެ ގްރޫޕް ޑީގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއިން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކަން ކޮށްދިން އޮސްކާ ބްރޫޒޯންގެ ކޯޗުކަމުގެ ދަށުން ކުޅެމުންދިޔަ ބަޝުންދަރާއިން މެޗުގައި ޖެހި ދެ ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެ ދެ ގޯލުގައިވެސް މާޒިޔާގެ ފަހަތުން ހެދި ގޯސްތައް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުންވެސް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފައިވަނީ އެޑްވާންޓޭޖު އޮތީ ބަޝުންދަރާއަށް ކަމަށެވެ. އެއީ އެޓީމުން ލީގު ނިންމާލިތާ ދުވަސްތަކެއް ވެފައި ނެތުމުންނެވެ. ރިސްޓޯ ބުނެފައި ވަނީ މާޒިޔާއިން ތިން މަސް ދުވަހު ނުކުޅެ ތިބުމަށްފަހު ބޮޑު މެޗަކަށް ނުކުންނަން ޖެހުމަކީ އެޓީމަށް ދިމާވި އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް މާޒިޔާއިން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ނުކުތީ ސައުދީ އަރަބިއާގައި ރަނގަޅު ތަމްރީނު ކޭމްޕެއް ފުރިހަމަ ކުރުމަށްފަހުއެވެ.
މިރޭ ބަޝުންދަރާ މޮޅުވި އިރު، މިއީ އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގެ ޓީމެއް އަތުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެއް ނުވެއެވެ.
މިރޭ ކުޅުނު މެޗަށް މާޒިޔާ އިން ނުކުތްއިރު އެ ޓީމުގެ ފަހަތުގައި އާންމުކޮށް ކުޅޭ ސަމޫހު އަލީ (ސަމުއްޓެ)ގެ ބަދަލުގައި އެ މަގާމުގައި ފެށީ އާންމުކޮށް މެދުތެރެއަށް ކުޅޭ މުހައްމަދު އިރުފާން (އިރޭ) އެވެ. އޭގެ އިތުރުން މާޒިޔާގެ ފުރަތަމަ 11 އިން މިރޭ ނާއިޒު ހަސަން (ދާދު)ވެސް ފާހަގަކޮށްލެވުނެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މުހައްމަދު އުމައިރު އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ ފެށީ ބެންޗުންނެވެ. ބޭންޑް އަޅައިގެން މެޗަށް ނުކުތީ އިރޭއެވެ.
މެޗުގައި ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. އެޓީމުން މެޗު ކޮންޓްރޯލުކޮށް ފަށައިގެން ހަމަލާތައްވެސް އުފެއްދިއެވެ. އިބްރާހިމް އައިސަމް އޭރިއާ ރޮނގު ކައިރިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ފަހުން އެ ޓީމުގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބޯޅައެއްގައި ބާރު ނެތް އިރު، އާނިސުރް ރަހްމާން ޒީކޯ ވަނީ ބޯޅަ އަތަށް ނަަގައިފައެވެ. އަދި ނާއިޒު ހަސަން (ދާދު) ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު އާނިސުރް ވަނީ މަތަކޮށްފައެވެ.
ރަނގަޅު ހަމަލާތަކެއް އުފައްދާ ކުޅެމުންދަނިކޮށް މާޒިޔާގެ ހިތްވަރު ބަލިވެގެން ދިޔައީ ބަޝުންދަރާއިން ޖެހި ގޯލާއެކުގައެވެ. މެޗުގެ 26 ވަނަ މިނިޓުގައި މާޒިޔާގެ ފަހަތަށް ދިޔަ ބޯޅައެއް ސާފުކޮށްލަން އިރޭ ފޮނުވާލުމުން ދިޔައީ މިސްރާބުން ކައްސާލައިގެންނެވެ. އޭރު މާޒިޔާގެ ކީޕަރު މިރްޒޮހިދު ކުރިއަށް އަރައި ހުރުމުން ބޯޅަ އޮއްސިގެން ވެއްޓުނީ ބައިކޮޅަށް ގޮސް ގޯލު ތެރެއަށެވެ.
އެ ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވެ، ހާފު ނިމެން ދިޔައިރު ބަޝުންދަރާ ފެނުނީ ފޯމު އިތުރަށް ރަނގަޅު ކުރިތަނެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅުނު އާޖެންޓީނާގެ ފޯވަޑް ރައުލް އޮސްކާ ބެކޭރާއާއި ބްރެޒިލްގެ ތަރި ރޮބްސަން ޑަ ސިލްވާގެ ކޮމްބިނޭޝަން ފެނުނީ ރަނގަޅަށެވެ. ހާފު ނިމުމުގެ ކުރިން ބަޝުންދަރާގެ ދެވަނަ ގޯލު، އޭރިއާ ތެރެއަށް ވަދެ ކުޑަކަނުން މާޒިޔާގެ ގޯލްކީޕަރު ބީޓުކޮށްލައި، ޖަހައިދިނީ ރޮބްސަންއެވެ.
ދެވަނަ ހާފަށް ނުކުމެ ބަޝުންދަރާއިން ޑިފެންސިވްކޮށް ފެނުނު އިރު، މާޒިޔާއިން ބޯޅަ ހިފެހެއްޓިއެވެ. އެހެންނަމަވެސް ހަމަލާއެއް ނުފެނެއެވެ. ބަޝުންދަރާއިން ދިޔައީ މާޒިޔާގެ ފޯވަޑްލައިން ހުއްޓުވަން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ހާއްސަކޮށް ޓީމުގެ ކެޕްޓަން ބަންގްލަދޭޝްގެ ޓޮޕޫ ބާމަން ވަނީ ޑިފެންސް ވަރަށް ރަނގަޅަށް ލީޑުކޮށް ކޯޗު އޮސްކާއަށް ފުރަތަމަ މޮޅު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ސެންޓްރަލައިޒްކޮށް މިއަދު ރާއްޖޭގައި ފަށާފައިވާ އިރު، ހަވީރު ކުޅުނު މެޗުން އޭޓީކޭ މޯހަން ބަގާން އިން ވަނީ ބެންގަލޫރުގެ މައްޗަށް 2-0 އިން ކުރި ހޯދައިފައެވެ. ގްރޫޕް ސްޓޭޖުގެ ދެ މެޗު މިމަހުގެ 21 ވަނަ ދުވަހު އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބެންގަލޫރު އެފްސީން ބަޝުންދަރާއާ ދެކޮޅަށް ނުކުންނަ އިރު، މާޒިޔާއިން ނުކުންނަން ޖެހޭނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް