ޚަބަރު

4973 ދަރިވަރުން ކޮވިޑް ވެކްސިން ޖަހައިފި

އަލީ އަފާފު ރަމީޒު

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 5000 އާ ގާތްކުރާ އަދަދަކަށް ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކޮވިޑުން ދިފާއުވުމަށް 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި މާލެ އާއި އަތޮޅު ތެރެއިން މިހާތަނަށް 4973 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށެވެ.

ރާއްޖޭގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފަށައިފައެވެ. މި އުމުރުފުރާގެ ކުދީންނަށް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. އަދި ވެކްސިން ޖަހަނީ ކުރިއާލައި އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގެ ޖުމުލަ 19 ސުކޫލެއްގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ގާތްގަނޑަކަށް 35000 އެއްހާ ދަރިވަރުން އެބަތިބި ކަމަށެވެ.

ސްކޫލު ކުދީންނަށް ކޮވިޑް ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީ ގުޅިގެންނެވެ.

އެޑިއުކޭޝަނުން ބުނީ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށެވެ.