ޚަބަރު

ހިމަންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ކުރިއަށް

ރިފާ ހަލީލު

އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ހިމަންދޫއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. އޭގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.

މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމުކުރުމާއި 956 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި މި މަޝްރޫއުއަކީ ޖުމުލަ 65.8 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.