ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އެއިން ކޮންމެ ދައުވާއެއް ވެސް ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ދައުލަތުން ބުނެފި އެވެ.

އެ މައްސަލައިގައި، ޕެސްޓުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލައިފައެވެ. އޭގެ ތެރެއިން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ތިން ދައުވާއެއްގެ އަޑުއެހުމެވެ. އެއީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާ މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.

އެ ތިން ދައުވާގެ އިތުރުން ދެން ޕެސްޓްގެ މައްޗަށް އުފުލާފައިވަނީ، ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

ވަކި ވަކިން ތިން ދައުވާ ޕެސްޓްގެ މައްޗަށް އިއްވުމަށްފަހު ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، އޭގެ ތެރެއިން ކޮންމެ ދައުވާއެއް ސާބިތުވި ނަމަވެސް އޭނާއަށް އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވުމުގެ އިތުރުން އެއް ލައްކަ ރުފިޔާއާ 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެމުގެ އިހުތިޔާރު ގާޒީއަށް ލިބޭނެ އެވެ.

ޕެސްޓްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ ޝަފަހީ ހެކީގެ ގޮތުގައި ފޮރެންސިކް ރިޕޯޓް ތައްޔާރު ކުރި ފުލުހުންގެ އިތުރުން އެހެނިހެން ރިޕޯޓްތައް ތައްޔާރުކުރި ފުލުހުން ހުށަހަޅާފަ އެވެ. އަދި އޭގެ އިތުރުން ވެސް ވަކި ވަކި އެހެން ފުލުހުން ވަނީ ޕެސްޓްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ހުށަހަޅާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޕެސްޓް އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު، އޭނާގެ ފަރާތުން ދިފާއީ ވަކީލު އަހްމަދު ޔާމީން ވަނީ ތިން ދައުވާއަށް ވެސް އިންކާރުކޮށްފަ އެވެ. އަދި ދިފާއުން ހެކި ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަށް ގާޒީ ވަނީ ތިން ދުވަސް ދެއްވާފަ އެވެ. އަދި ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅަން ބޭނުން ނަމަ އެކަމަށް 10 ދުވަސް ގާޒީ ދެއްވި އެވެ.

ޕެސްޓާއި އެކު އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވާއިރު، މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޕެސްޓް އަދި މުހައްމަދު ސުއައިދުގެ ބައެވެ. އެ ދެ މީހުންގެ މައްޗަށް ވެސް އުފުލި ތިން ދައުވާގައި ވަނީ އެއްގޮތް ކަންތައްތަކެވެ.

މިއަދުގެ އަޑުއެހުމުގައި ބަންދު މުރާޖައާ ކުރި ނަމަވެސް ބަންދަށް ލުޔެއް ދޭނެ ތަނެއް ނެތް ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފަ އެވެ.