މަސްތުވާތަކެއްޗާއެކު ރޭގެ ވަގުތެއްގައި ގއ. ކޮލަމާފުށިން ހައްޔަރު ކުރީ އެރަށު ފެނަކަ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފެއް ކަން އެނގިއްޖެ އެވެ.

ފުލުހުން ބުނީ ކޮލަމާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންހެ އިންޓެލިޖެންސާއި އެ ރަށު ޕޮލިސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކޮލަމާފުށީ ގެއެއް ބަލައި ފާސްކޮށް އެގެއިން މަސްތުވާ ތަކެތި ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ ފެނަކަ މުވައްޒަފެއް ކަން ކައުންސިލުން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.