ރަހީނު ކުރުމަށްފަހު މަރާލައި އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.
ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސް ވަޅުލާފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެެވެ. ޕޯސްޓް މޯޓަމް ރިޕޯޓުގައިވާ އެއްވެސް ކަމެއް ހާމަ ކުރެބން ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.
ކުއްޖާގެ މަރާ ގުޅިގެން މިހާތަނަށް ދައުވާ ކުރަން ފޮނުވާފައި ނުވާއިރު ޕީޖީ އޮފީހުން މިއަދު ބުނީ ކުޑަ ކުއްޖާ މަރާލި މައްސަލާގައި ޕީޖީ ހުސައިން ޝަމީމް މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މާދަމާ މެންދުރު 2:00 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އަދި 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ވަނީ ޖަހައިފަ އެވެ. އަދި ދެވަނަ ފަހަރަށް ޖެހި 15 ދުވަހުގެ ބަންދުގެ މުއްދަތުވެސް ވަނީ މިހާރު ހަމަވެފަ އެވެ. ނަމަވެސް އިތުރަށް އޭނާގެ ބަންދާމެދު އަމަލު ކުރި ގޮތެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ. މިއަދު ސުވާލު ކުރުމުން ވެސް ފުލުހުން ބުނީ ބައްލަވާނެ ކަމަށެވެ. މީގެ ދެތިން ދުވަސް ކުރީން ސުވާލު ކުރީމަ ވެސް ދިނީ ހަމަ މި ޖަވާބެވެ.
މި ދެމީހުންގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތާއި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގެ އިތުރުން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު