ތ. ތިމަރަފުށީން - އަލީ ޔާމީން

ތ. ތިމަރަފުށީގައި އަލަށް އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފި އެވެ.

ތިމަރަފުށީގައި އިމާރާތް ކުރާ ހައުސިން ޔުނިޓުތައް ރައީސް ސޯލިހު ބައްލަވައިލެއްވީ، ކޮޅުމަޑުލުގެ ހަތް ރަށަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ހައުސިން ޔުނިޓުތައް ބައްލަވާލެއްވުމުގައި ރައީސްގެ އަރިހުގައި ހައުސިން މިނިސްޓަރު ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެވެ.

ތިމަރަފުށީގައި 100 ހައުސިން ޔުނިޓު ހެދުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ އެ މަޝްރޫއު ހަވާލު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

އެސްޖޭއާ އެ މަސައްކަތް ހަވާލު ކުރީ 364 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. އަދި 64 ގޭގެ ރޫފް ބީމްގެ މަސައްކަތާއި 64 ގޭގެ ރޭނުމުގެ މަސައްކަތާއި 42 ގޭގެ ސިމެންތި ޖެހުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.

މީގެ އިތުރުން 56 ގޭގެ ރޫފް ޓެރަސް ހަރުކުރުމުގެ މަސައްކަތާއި 32 ގެ ހިޔާކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލައިފައެވެ.

މި މަޝްރޫއަކީ 71.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.