ތާލިބާނަށް ހިތްވަރުދޭ ޕޯސްޓުތައް ކުރިއަށް އޮތްތަނުގައިވެސް މަނާކުރަމުން ގެންދާނެކަމުގައި ފޭސްބުކް އިން ބުނެފިއެވެ.

ފޭސްބުކުން ބުނީ އެކުންފުނިން ބަލައިގަންނަނީ ތާލިބާން އަކީ ނިރުބަވެރި ޖަމާއަތެއްގޮތުގައި ކަމަށެވެ.

އެކުންފުނީގެ ފަރާތުން ބީބީސީއާ ވާހަކަ ދައްކަމުން ބުނެފައިވަނީ ތާލިބާނުންނަށް ހިތްވަރު ދީ އެޖަމާއަތާ އެއްކޮޅަށް މީހުން ކުރާ ޕޯސްޓުތަކާއި އެކައުންޓުތައް ހުއްޓުވަން އެކުންފުނީގައި އަފްގާނުގެ ޓީމަކާއެކު މަސައްކަތްކުރާ ކަމަށެވެ.

އަފްގާނަށް ތާލިބާނުން ކުރު މުއްދަތެއްގައި އަރާފައިވާއިރު، ޓެކްނޮލޮޖީގައި ކުރިއަރާފައިވާ މީސް މީޑިއާތަކުން ތާލިބާނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތްތަކާމެދު އަންނަނީ ވިސްނަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ފޭސްބުކުން ބުނީ ތާލިބާނާ އެއްކޮޅަށް ކުރެވޭ ޕޯސްޓުތަކާއި އެކައުންޓުތައް ހުއްޓުވަމުން އަންނަނީ އެމެރިކާގެ ގާނޫނުން ތާލިބާނަކީ ނިރުބަވެރި ޖަމާއަތެއް ގޮތުގައި ކަނޑައަޅައި އެފަދަ ޖަމާއަތެއް ގޮތަށް ނިންމާފައިވާތީ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް ފޭސްބުކުން މަސައްކަތްކުރަމުން ގެންދާނެ ކަމުގައި ވަނީ ބުނެފައެވެ.

އެކުންފުނިން އިތުރަށް ބުނެފައިވަނީ ގައުމުތަކުން ކަނޑައަޅާ ވަކި ސަރުކާރުތައް ބަލައިގަތުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާ އަދި ހުއްދަކުރާ ސަރުކާރުތައް ބަލައިގަންނާނެ ކަމަށެވެ.

ފޭސްބުކުން އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް އެކުންފުނީގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރާމް އަދި ވަޓްސްއެޕުންވެސް އަމަލުކުރަމުން އަންނާނެކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ތާލިބާނުން މުއާލަމާލާތް ކުރުމުގައި ވަޓްސްއެޕް އާއްމުކޮށް ބޭނުންކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި، އެފަދަ ކަމެއް ހިނގާ ނަމަ އެކަން ހުއްޓުވުމުގެ މަސައްކަތް ވެސް ކުރާނެ ކަމުގައި ވަނީ ބުނެފައެވެ.

ފޭސްބުކުން މިހެން ބުނެފައިވާއިރު، ވާދަވެރި މީސްމީޑިއާ އެޕް ޓުވިޓާއިން ތާލިބާނަށް ހިތްވަރުދޭ ކަމަށް ބުނެ ގިނަ ބަޔަކުވަނީ ފާޑު ކިޔާފައެވެ.

އަފްގާނު ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިއުމަށްފަހު އެ ޖަމާއަތަށް ހިތްވަރުދޭ އެތައް ހާސް ފޮލޮވަރުންނާއި ހިއްސާކޮށް ތާލިބާންގެ ފަރާތުން ވަނީ ޓުވީޓު ކޮށްފައެވެ.

މިކަމާ ގުޅިގެން ޓުވިޓާގެ ފަރާތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ޓުވިޓާގެ ވެސް ގަވާއިދުގައިވާ ގޮތުން ނިރުބަވެރި ޖަމާއަތެއްގޮތުގައި ކަނޑަޅާފައިވާ އެއްވެސް ފަރާތަކަށް ހިތްވަރު ލިބޭ ޕޯސްޓުތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.