އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އެ މެޗަށް ދެޓީމުންވެސް ފުރިހަމައަށް ތައްޔާރުވެފައިވާއިރު، ބަޝުންދުރާގެ ކޯޗު އޮސްކާ ބްރޫޒޯންގެ ނަޒަރުގައި މެޗަކީ މި ސަރަހައްދުގެ ދެގައުމެއްގެ އެންމެ ވަރުގަދަ ދެ ޓީމެއްގެ ކުރިމަތުލުމެވެ. ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓާއެކު ކާމިޔާބީތަކެއް ހޯދި އޮސްކާ ބުނެފައި ވަނީ މާޒިޔާއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރަމްޒު ކަމަށާއި، އަނެއްކޮޅުން ބަޝުންދުރާއަކީ ބަންގްލަދޭޝްގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.
"މާޒިޔާއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރަމްޒު. އެޓީމުގައި ތިބީ ސްޕީޑު ރަނގަޅު، ޝާޕު ކުޅުންތެރިން. އެޓީމުގައި ތިބީ އެންމެ ވަރުގަދަ ކުޅުންތެރިން. ކުރިން ފެންނަ ހިތްތިރި ވަރުގަދަ ކުޅުންތެރިން މެދުތެރެއިން ފެންނަ ޖަޕާނު ކުޅުންތެރިޔާއެކު ވަރަށް ވަރުގަދަ. އެކަމަކު ޑިފެންސްގައި ބަލިކަމެއް އެބަ ފާހަގަވޭ، އެކަމަކު އެއީ ޑިވެންސިން ޓީމެއް ނޫން. ފަހަތުން އަވަސްކޮށް ޓްރާންސިޝަންތަކުގައި މާޒިޔާ ކުޅޭނީ. ލޯކަލް ލީގުގައި ބަލި ނުވެ މާޒިޔާ އޮތީވެސް، މިއީ ދެ ގައުމެއްގައިވެސް އެންމެ ވަރުގަދަ ޓީމު. އެހެންވީމާ އެންމެ ވަރުގަދަ ދެ ޓީމެއް ގައުމު ތަމްސީލުކުރަނީ. މާޒިޔާއަކީ ރާއްޖޭގެ އެއްވަނަ ޓީމު. ބަޝުންދުރާ ކިންގްސްއަކީ ބަންގްލަދޭޝްގެ އެއްވަނަ ޓީމު،" ގައުމީ ދަނޑުގައި އިއްޔެ ބޭއްވި ޕްރެސްގައި އޮސްކާ ބުނެފައިވެއެވެ.
އޮސްކާއަކީ ރާއްޖޭގެ ފުޓުބޯޅައަށް މުޅިން އާ ނަމެއް ނޫނެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓާއެކު އެއް ސީޒަނެއްގައި ޕްރެސިޑެންޓްސް ކަޕާއި، ދިވެހި ލީގު އަދި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. އޭގެ ކުރިން އިންޑިއާގެ މުމްބާއީ އެފްސީއަށްވެސް އޮސްކާ ކޯޗުކަން ކޮށްދީފައިވާ އިރު، ރާއްޖޭގައި ހޭދަކުރި ދުވަސްތަކަށް ފަހު ދިޔައީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގަށެވެ. އެ ލީގުގައި އޮސްކާ ދަނީ ބަޝުންދުރާ ކިންގްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.
އޮސްކާ ހަވާލުވި ފަހުން ބަންގްލަދޭޝްގައި ބަޝުންދުރާ ވާދަކުރި ހުރިހާ މުބާރާތެއް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ގައުމުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފައެވެ. އެނބުރި ރާއްޖެ އާދެވުމަކީ ހާއްސަކަމެއް ކަމަށް އޮސްކާ ބުނެފައިވާއިރު، އޭނާ ބުނީ ދެ ގައުމުން ހޯދި ތަޖުރިބާވެސް މިފަހަރުގެ ގްރޫޕް ސްޓޭޖު މެޗުތަކުގައި ބޭނުން ކުރާނެ ކަމަށެވެ.
"ރާއްޖެއަށް އެނބުރި އައުމަކީ އަހަރެންގެ ދެވަނަ 'ހޯމް' އަށް އާދެވުން ކަހަލަ ކަމެއް. އަހަރެންގެ ބައިވަރު އެކުވެރިން ރާއްޖޭގައި ތިބޭނެކަން އެނގޭނެ. އަހަރެންގެ ވަރަށް ގިނަ ރަހުމަތްތެރިން މިތަނުގައި އެބަތިބި. ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓަރުންނާއި އާންމުން ވެސް. އަހަންނަށް (އިންޑިއާ އާއި ރާއްޖެ) އިން ލިބިފައިވާ ތަޖުރިބާގެ ބޭނުން ކޮށް، މިހާރުގެ ކްލަބުގައި އެ ތަޖުރިބާ ބޭނުންކޮށް ނަތީޖާ ނެރުމަށް ވިސްނާނަން،" އޮސްކާ ފާހަގަކުރިއެވެ.
މިފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާޒިޔާ އާއި ބަޝުންދުރާގެ އިތުރުން ދެން އޮތީ އިންޑިއަން ސުޕަ ލީގުގެ ދެ ޓީމެވެ. އެއީ ޕްލޭއޮފް ބުރުން އައި ބެންގަލޫރާއި އޭޓީކޭ މޯހަން ބަގާން އެވެ. އޭގެ ތެރެއިން އޭއެފްސީ ކަޕްގެ އެންމެ ތަޖުރިބާ މަދުކޮށް އޮތީ ބަޝުންދުރާ ނަމަވެސް އޮސްކާގެ ނަޒަރުގައި އެ ކްލަބަކީ ވަކި ފަހަތުގައި އޮތް ކްލަބެއް ނޫނެވެ.
"އަހަރެމެންގެ އެބަތިބި ގައުމީ ޓީމުގެ 12 ކުޅުންތެރިން. އެއީ އަހަރެމެންނަށް ތަޖުރިބާއަށް ލިބޭ ފުރުސަތެއް. މާޒިޔާއަކީ އޭއެފްސީ ކަޕްގައި ވަރަށް ތަޖުރިބާކާރު ޓީމެއްކަން އެނގޭ. ހާއްސަކޮށް މާޒިޔާ ކޯޗަކީވެސް އޭއެފްސީ ތަޖުރިބާ ބޮޑު ކޯޗެއް. ދެން ހުރި ޓީމުތަކަށް ބަލާއިރު، އެބަހުރި 100 އަހަރުވީ ކްލަބުތަކާ ބެންގަލޫރު ފަދަ ފައިނަލްގައި ކުޅުނު ޓީމުތައްވެސް. އެކަމަކު މިއީ ފްރެޝް ޔުނިޓެއް. މި ބޮޑު މުބާރާތުގައި މި ޓީމަށް ކުރެވޭނެ ކަންކަން ބަލަން ޖެހޭނީ. މި ޓީމު އޮތީ ފަހަތަކު ނޫން،" އިއްޔެގެ ޕްރީ މެޗު ޕްރެސްގައި އޮސްކާ ބުނެފައިވެއެވެ.
މާޒިޔާއިން ސައުދީ ކޭމްޕަކަށްފަހު އައި ނަމަވެސް އޮސްކާގެ ނަޒަރުގައި ލޯކަލް ލީގުގައި ޓަފް މެޗުތަކެއް ކުޅެ، މިވަގުތު ރަނގަޅު ފޯމުގައި އޮތީ ބަޝުންދުރާއެވެ. އޭނާގެ ނަޒަރުގައި މާޒިޔާ ބަލި ނުކުރެވެންވީ ސަބަބެއް ނެތެވެ. މިރޭގެ މެޗު ގައުމީ ދަނޑުގައި އޮންނާނީ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު