ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ވެރިކަމުގައި ކުރީން އޮތް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލައިފައެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

ނިހާނަށް ކުރާ ހަ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ދައުވާ އުފުލުމަށްފަހު އެ މައްސަލަތަކުގައި މިހާތަނަށް ބޭއްވިފައިވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިގެން ކުރިއަށްދާ އިރު، ނިހާންގެ އެޕާޓްމެންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލްކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.