ހިޔާ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން މާދަމާ ކަރަންޓު ދިނުމަށް ހަމަޖެހިފައިވަނީ 11 އަދި 12 ވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ހިޔާ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ. އެގޮތުން މިއަދު ކަރަންޓު ދީފައިވަނީ 15 އަދި 16 ވަނަ ޓަވަރަށެވެ.

ސްޓެލްކޯ އިން މިރޭ ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ 11 އަދި 12 ވަނަ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެ ކަމަށާއި އެ ފަރާތަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއެކު ޓަވަރުތަކަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

ސްޓެލްކޯ އިން މިއަދު ފެށި މަސައްކަތުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ދެ ޓަވަރަށް ކަރަންޓު ދިނުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 ކުރިއަށްދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށެވެ.