ޚަބަރު

ޖާބިރު ފަސް މިލިއަން ރުފިޔާ ދިން ކަމަށް ވިދާޅުވާ ވާހަކަ ގާސިމް ދޮގުކުރައްވައިފި

އަލީ އަފާފު ރަމީޒު

ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އޭނާއަށް ފަސް މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގާސިމަށް ފަސް މިލިއަން ރުފިޔާ ދިން ކަމަށާއި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައި ޖާބިރު ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ޖޭޕީގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު މިއަދު ވިދާޅުވީ ޖާބިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި މިދިޔަ ރިޔާސީ އިންތިހާބަށް ޖާބިރު، ގާސިމަށް ފައިސާތަކެއް ދިން ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.

އަލީ ސޯލިހު ވަނީ އެފަދަ ދޮގުތައް ހެދުން ހުއްޓާލުމަށް ޖާބިރަށް ގޮވާލައިފައެވެ. އަދި އިންސާނުންގެ ކަރާމަތަށް އަރައިގަތުމަށް ޖާބިރު ކުރައްވާ ނާތަހުޒީބު އަމަލުތައް މިހާރު ބޮޑު ޖޯކަކަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ޖާބިރުގެ އަމަލުތައް ހުރި ގޮތުން އޭނާގެ ހޭ ބުއްދި ހުރިތޯ ޓެސްޓް ކުރަންޖެހޭ ކަމަށެވެ. އަދި ޖާބިރަކީ މަސްތުވެގެން އުޅޭ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށާއި އެހެންކަމުން އޭނާ މަޖިލީހަށް ވެއްދުމުގެ ކުރިން ޓެސްޓު ހެދުމަށްވެސް އަލީ ސޯލިހު ވަނީ ގޮވާލައިފައެވެ.

ފުލުހަށް ޖާބިރު ފޮނުއްވި ސިޓީގައި ވަނީ 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ތ. ތިމަރަފުށީގައި ހުރެ ފަސް މިލިއަން ރުފިޔާ ޖާބިރުގެ އަތުން ނެގުމަށް ފަހު އެ ފައިސާ އަނބުރާ އަދާކޮށްފައި ނުވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް އޭނާގެ ފަރާތުން ހޭދަތައް ކުރުވުމަށް ފަހު އެޕާޓީން އޭނާ ބޭރުކޮށްފައިވާ ކަމަށާއި އަދި ގާސިމްގެ ޕާޓީގެ ޓިކެޓްގައި ކާށިދޫ ދާއިރާގެ ކޮނޑިއަށް ކުރިމަތިލައި ކެމްޕެއިން ކުރަމުން ދިޔަ ދަނޑިވަޅުގައިވެސް އަނބުރާ އަދާކޮށް ދޭނެ ކަމަށް ބުނެ ފަސް ލައްކަ އެމެރިކާ ޑޮލަރު ނެގި ކަމަށް ސިޓީގައިވެއެވެ.

އޭގެ ތެރެއިން ދެ ލައްކަ ޑޮލަރު ދިވެހި ރުފިޔާ ދެއްކުމަށްފަހު، ބާކީ ތިން ލައްކަ ޑޮލަރު ނުދީ ގާސިމް ބަހަނާ ދައްކާފައިވާ ކަމަށްވެސް އެ ސިޓީގައިވެއެވެ. އެ ފައިސާ ހޯދައިދިނުމަށް އެދި ގާސިމާ ދެކޮޅަށް ހިޔާނާތުގެ ތިން މައްސަލައެއް ބަލައިދިނުމަށް ފުލުހަށް ވަނީ ހުށަހަޅައިފައެވެ.