ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހުން ގެއްލުންދީ، ވައްކަން ކުރަން މަސައްކަތްކުރަނީ ކުށުގެ ރެކޯޑު އޮންނަ މީހުން ބޭނުންކޮށްގެން ސަރުކާރާ އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަމަށް ތުހުމަތުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 7:48 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް އާރުޑީސީގެ އޮފީސް ފަޅާލައި، ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފައެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުވެސް ކުރިއެވެ.
އެ މައްސަލައިގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތްކުރަނީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެއިން ކޮންމެ ފަހަރަކު ހައްޔަރުކުރެވޭ މީހުންގެ ތެރޭގައި އާރުޑީސީގެ އެއްވެސް މުވައްޒަފަކު ހިމެނިފައި ނުވާ ކަމަށާއި އެކުންފުނީގައި ވަގުން ނޫޅޭ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ އެއްވެސް އިރަކު ހުޅުޖަހައި، ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއް ނޫން ކަމަށާއި އެކަމަކަށް ހިތްވަރުދީ ތާއީދެއް ވެސް ނުކުރާނެ ކަމަށެވެ.
"އެފަދަ ކަންކަން ހިންގުމުގެ ތާރީހު އޮތީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ. އެކަން ފެބްރުއަރީ އަށެއްގައި ރާއްޖޭގެ ހުރިހާ ދިމާލަކުން ފެނިގެންދިޔަ،" އޭނާ ވިދާޅުވިއެވެ.
އާރުޑީސީގެ އޮފީސް ފަޅާލި މައްސަލައާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މީހަކު ހައްޔަރުނުކުރާ ކަމަށް ޕޮލިސް މީޑިއާ އިން ބުނި ނަމަވެސް، އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުންގެ ފަރާތުން އާރުޑީސީއަށް އަންގާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު