ޚަބަރު

ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ: މުއިއްޒު

ރިފާ ހަލީލު

މާލެ ސިޓީން ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީ ކުރަން ޖެހޭނީ ވަރަށް ބޮޑު އަދަދެއް ދެއްކުމަށްފަހު ގަރާޖެއް ހޯދައިގެން ކަމަށެވެ. ނަމަވެސް އެ ގަރާޖުތަކުގެ ބޭނުން ނުހިފޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ވެހިކަލެއް ގެންނަ ފަރާތަކުން އެ ކައުންސިލާއެކު އެއްބަސްވުން ހަދައިގެން ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ޕާކިން ސްލޮޓްތައް ގަރާޖުގެ ގޮތުގައި ސިޓީ ކައުންސިލުން ވިއްކަން ނިންމާފައިވަނީ އަހަރަކު 25000 ރުފިޔާ އަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގަރާޖުގެ ގޮތުގައި ވިއްކާ ޕާކިން ސްލޮޓް ހުންނަ ސަރަހައްދުގައި އެއްވެސް މަޝްރޫއެއް ހިންގަން ބޭނުން ވެ އެތަން ހުސްކުރަން އަންގައިފިނަމަ އެ ސްލޮޓެއް ގަނެފައިވާ ފަރާތަކަށް އެހެން ތަނަކުން ސްލޮޓެއް ދޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕާކިން ސްލޮޓް ދޫކުރުމަށް މާލޭގެ ބޮޑެތި މަގުތަކުން ޖާގަ ހުސްކުރާނެ ކަމަށެވެ. އެގޮތުން ފުޅާމިނުގައި 20 ފޫޓު ހުންނަ މަގުތަކުން ޖާގަތައް ހުސްކުރާނެ ކަމަށް ވިދާޅުވި އެވެ.