ބިދޭސީންތަކެއް ރާއްޖެ ގެނެސް މަގުމަތި ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ހެންވޭރުގައި ހުންނަ ގެސްޓްހައުސެއް ކައިރީގައި ފޮށިތަންމައްޗާއެކު ބިދޭސީންތަކެއް މަގުމަތީގަައި ތިބުމުން އެކަން އިމިގްރޭޝަނާއި ފުލުހުންގެ ސަމާލުކަމަށް އައުމުން އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މަންޒަރު ދުށް މީހަކު "ވަން" އަށް ބުނި ގޮތުގައި އެމީހުންނަކީ ޕާކިސްތާނުން ރާއްޖެ އައި ބައެކެވެ. އަދި އެމީހުން އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާއި ނަމަވެސް ރާއްޖެ އައުމުން އެމީހުންނާ ހަވާލުވި އެޖެންޓު އެމީހުން އެތަނަށް ބޭލުމަށް ފަހު ވަންނާނެ ތަނެއް ނުދައްކައި ފިލީ ކަމަށް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ކުޑަކުދިން ހިމެނޭހެން 27 މީހަކު މަގުމަތިވެފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން މިހާރު އަންނަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެމީހުން މާފުއްޓަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެނގިފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ބުނީ އެފަދަ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ކަމާ ގުޅޭ އެހެން އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށާއި އެ އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަރަންޓީންގެ ބޭނުމަށް ރާއްޖެއަށް މިދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިންނާއި ޕާކިސްތާނުން ދަނީ އަންނަމުންނެވެ.