ޑިޒްނީ ޗެނަލުންވަނީ އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށް ޓީން ޑްރާމާ ''ސްޕިން'' ޕްރިމިއާ ކޮށްފައެވެ.

''ސްޕިން'' ގައި ބޮލީވުޑް އެކްޓަރު އަބޭ ޑެއޯލް ފުރާވަރު އުމުރު ކުއްޖެއްގެ ބައްޕައެއްގެ ރޯލުން ވަނީ ފެނިފަ އެވެ.

ޑިޒްނީ ޓީން ޑްރާމާ ''ސްޕިން'' ރިލީސްކޮށްފައިވާއިރު މީގެ ވާހަކަ ބިނާވެފައިވަނީ 15 އަހަރުގެ ރިއާ ކިޔާ ކުއްޖެއްގެ މައްޗަށެވެ. މީގެކުރިން ނެޓްފްލިކްސްގައި ރިލީސްކުރި ''ސްކޭޓްގާލް'' ޑައިރެކްޓް ކޮށްފައިވާ މަންޖަރީ މަކިޖާނީ ޑައިރެކްޓުކޮށްފައިވާ ''ސްޕިން'' ގައި ރިއާގެ ބައި ކުޅެދެނީ އަވަންތިކާ ވަންޑަނަޕޫ އެވެ. އަދި ރިއާގެ ބައްޕަގެ ރޯލުން އަބޭ ޑިއޯލް ފެނިގެން ދެއެވެ.

މި ޑްރާމާ ސީރީސްގައި ދައްކުވައިދެނީ އިންޑިއާގެ އާއިލާއާއެކު އެމެރިކާގައި ދިރިއުޅެމުން އަންނަ ރިއާގެ ހިތުގައި އިންޑިއާ އަދި ދުނިޔޭގެ ލަވަތަކާއި ރާގުތައް އެއްކޮށްގެން މިޔުޒިކު ރިމިކްސް ކޮށް ޑީޖޭއަކަށް ވުމުގެ ޝައުގުވެރިކަމެއް އުފެދިގެން އަންނަ ކުއްޖެއްގެ ވާހަކައެވެ.

ބޮލީވުޑް ފިލްމުތައް ކަމަށްވާ ''ޒިންދަގީ މިލޭގީ ނަ ދޮބާރާ'' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ އަބޭ ޑެއޯލް، ފުރާވަރު އުމުރު ކުއްޖެއްގެ ބައްޕަގެ ބައި ކުޅެން ނިންމުންވީ ގިނަބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އަބޭ ވަނީ މި ރޯލު ކުޅެން އޭނާ އަށް ލިބުނު ގޮތުގެ ވާހަކަ މީޑިއާއާ ހިއްސާކޮށްފައެވެ.

އަބޭ ބުނާގޮތުގައި ''ސްޕިން''ގެ ޑައިރެކްޓަރު މަންޖަރީ މަކިޖަނީ އަކީ ކުޑައިރުގެ ރަހުމަތްތެރިއެކެވެ. މަންޖަރީގެ ބައްޕަ މަކް މޯހަން އަދި ދަރޭ އަކީ އެކުގައި މީގެ ކުރިން ''ޝޯލޭ'' ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މީހުންނެވެ.

މީގެ ދެތިން އަހަރު ކުރިން މަންޖަރީ އާ ލޮސް އެންޖެލިސްއިން ބައްދަލުވި ކަމަށާއި، އޭގެ ތިން އަހަރުފަހުން ގުޅާފައި ޑިޒްނީ ސީރީސްއެއްގައި ބައްޕައެއްގެ ބައި ކުޅެދޭން އެދުނު ކަމަށް އަބޭ ވަނީ ބުނެފައެވެ. އަބޭ ބުނާ ގޮތުގައި އޭނާ މި ރޯލު ކުޅެދޭން އެއްބަސްވީ ސްކްރިޕްޓު ކިޔުމަށްފަހު އޭނާވެސް ބޭނުން ވެގެންނެވެ.

ޑިޒްނީ ބައްޕައެއްގެ ރޯލުން އޭނާއަށް ލިބިގެންދާނީ ތަފާތު ފޭންބޭސް އެެއް ކަމަށްވިނަމަވެސް، މީހުންނަށް އޭނާގެ ރޯލު ކަމުދާ ނަމަ މައްސަލައެއް ނެތްކަމުގައި އަބޭ ޑެއޯލް ވަނީ ފާހަގަކޮށްފައެވެ.

ޑިޒްނީ އިން ސްޕިން ދައްކަން ފަށާފައިވާއިރު، މީގެ މުހިއްމު ރޯލުތަކުން އަބޭ ޑެއޯލް، އަވަންތިކާ ވަންޑަނަޕޫގެ އިތުރުން މީރާ ސިޔަލް، އަރްޔަން ސިމްހާދުރީ އަދި މައިކަލް ބިޝޮޕް ފެނިގެން ދެއެވެ.