ބޮލީވުޑްގެ ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ މަޝްހޫރު ފްރެންޗައިޒް "ސްޓޫޑަންޓް އޮފް ދަ އިޔާ" ވެބް ސީރީޒެއްގެ ގޮތުގައި ނެރެން ނިންމައި، އެކަން އިއުލާންކޮށްފިއެވެ. "ސްޓޫޑަންޓް އޮފް ދަ އިޔާ: އާފްޓާ ޑާކް" ގެ ނަމުގައި އުފައްދާ މި ސީރީޒްގެ ލީޑު ރޯލުން ފެންނާނީ ޝަނާޔާ ކަޕޫރެވެ.

ޖިއޯހޮޓްސްޓާ އިން މިދިޔަ ހޯމަ ދުވަހު މި ސީރީޒްގެ ފުރަތަމަ ލުކް އާންމުކޮށްފައިވާއިރު، މިއީ ކުރީގެ ފިލްމުތަކާ ހިލާފަށް ތްރިލާ ކޮންޕެޓިޝަނެއްގެ ގޮތުގައި ގެނެސްދޭނެ ސީރީޒެކެވެ. ރީމާ މާޔާ ޑައިރެކްޓުކޮށް، ދަރްމާޓިކް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ސީރީޒް ސްޓްރީމްކުރަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ 13 ގައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ކަރަން ޖޯހަރް ބުނީ، 2012 ވަނަ އަހަރު ފެށި މި ފްރެންޗައިޒްގެ އާ ބާބަކާ އެކު ކުރިން ހަދާފައިވާ ހުރިހާ ގަވާއިދުތަކެއް މުގުރާލާނެ ކަމަށެވެ. އަދި ރީމާގެ ޑައިރެކްޝަނާއި ޝަނާޔާގެ ޑަބަލް ރޯލާ އެކު ތަފާތު އުފެއްދުމެއް ފެންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މި ފްރެންޗައިޒަށް 14 އަހަރު ފުރިފައިވާއިރު، މިއީ މުޅިން އާ މިސްރާބަކަށް ދަތުރުކުރާނެ ސީރީޒެއް ކަމަށް ވެސް ކަރަން ބުންޏެވެ.

މި ސީރީޒްގެ ޑައިރެކްޓަރު ރީމާ މާޔާ ބުނި ގޮތުގައި، މިއީ ބެލުންތެރިން އުންމީދުކުރާ ފަދަ އުފެއްދުމަކަށް ވާނެއެވެ. އަދި މިއީ ސްޓޫޑަންޓް އޮފް ދަ އިޔާގެ އަސްލު ބަދަލުކޮށް، ތްރިލާއެއްގެ ގޮތުގައި ގެނެސްދޭނެ ސީރީޒެއް ކަމަށް އޭނާ ބުންޏެވެ. ވެބް ސީރީޒްގެ ފޯމެޓުގެ ސަބަބުން ޒުވާނުންނާ ގުޅޭ މުހިންމު ވާހަކަތަކެއް ގެނެސްދިނުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް ރީމާ ފާހަގަކުރިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސީރީޒްގައި ޝަނާޔާ ކަޕޫރު ފެންނާނީ ޑަބަލް ރޯލަކުންނެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ސްޓޫޑަންޓް އޮފް ދަ އިޔާގެ ފުރަތަމަ ފިލްމު 2012 ގައި ނެރުނުއިރު، އެ ފިލްމުން ތައާރަފުވީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލްހޯތުރާއެވެ. އޭގެ ފަހުން 2019 ގައި ވަނީ ފްރެންޗައިޒްގެ ދެވަނަ ފިލްމެއް ވެސް ނެރެފައެވެ.