އާޔުޝްމާން ކުރާނާއާއި ސާރާ އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ހިންދީ ފިލްމު "އުޅްތާ ތީރް" ނޭޕާލުގައި އެޅުވުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. މި ފިލްމު ނޭޕާލުގައި އެޅުވުމުގެ ހުއްދަ ނުދޭން ނިންމީ އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ސެންޓްރަލް ފިލްމު ސެންސަރު ބޯޑުންނެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު 23 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ މި ފިލްމު މަނާކުރިކަން އަންގައި ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފިލްމުގެ ޑިސްޓްރިބިއުޓަރުންނަށް ރަސްމީ ސިޓީއެއް ފޮނުވާފައެވެ.

ނޭޕާލުގެ ސެންސަރު ބޯޑާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އާކާޝް ކޯޝިކް ޑައިރެކްޓުކޮށްފައިވާ މި ފިލްމު މަނާކުރީ ނޭޕާލުގެ ސިނަމާއާ ބެހޭ ގާނޫނުގެ ދަށުންނެވެ. މި ގާނޫނުގައިވާ ގޮތުން، އެހެން ގައުމެއްގެ އަގުވައްޓާލާ ފަދަ ނުވަތަ އެކުވެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ ފަދަ ފިލްމުތައް ނޭޕާލުގައި އެޅުވުމަކީ މަނާކަމެކެވެ.

"އުޅްތާ ތީރް" އަކީ ޖާސޫސީ ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި އާޔުޝްމާން ކުޅެފައިވަނީ އިންޑިއާއަށް އެތެރެވުމަށްފަހު ހަނދާން ނެތޭ ޕާކިސްތާނުގެ ޖާސޫސެއް ކަމަށްވާ ބިލާލް އަހުމަދުގެ ރޯލެވެ. ފިލްމުގައި ޕާކިސްތާނު ސިފަކޮށްދީފައިވާ ގޮތުން އެކުވެރި ގައުމަކަށް ނިސްބަތްކޮށް ހަދާފައިވާ ގާނޫނާ ހިލާފުވާ ކަމަށް ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް އަޖޭ ދޭވްގަންގެ "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" އަށް ލިބެމުންދިޔަ ތަރުހީބާ ގުޅިގެން ފިލްމު އެޅުވުން ފަސްކުރީ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ފިލްމު ނޭޕާލުގައި މަނާކުރުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ދަރްމާ ޕްރޮޑަކްޝަންސްއާއި ސިކްޔާ އެންޓަޓެއިންމަންޓުން އަދި ފިލްމުގެ ތަރިންގެ ފަރާތުންވެސް މިހާތަނަށް ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ނޭޕާލުގެ ޑިސްޓްރިބިއުޓަރު ކަމަށްވާ ނެޝަނަލް ސިނެ ގްރޫޕަށް ފިލްމު ނޭޅުވޭނެކަން މިހާރު ވަނީ ރަސްމީކޮށް އަންގާފައެވެ.