ރައްޖެއިން ކޮވިޑަށް ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނީ ހަތަރު މީހުންނަށް ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ރަޖިބް ޑޭ ވިދާޅުވެއްޖެއެވެ.

ޑރ. ރަޖީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިވަގުތު ބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ތިބީ ހަތަރު މީހުން ކަމަށާއި އެ ހަތަރު މީހުންވެސް ކޮވިޑުގެ ވެކްސިން ޖަހާފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައި ނުވާ ކަމަށް އެޗްއީއޯސީން މީގެ ކުރިން ބުނެފައިވެއެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް ބަލީގެ ނުރައްކާ ބޮޑު ކަމަށް ޑޮކްޓަރުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރާއްޖޭގެ އާބާދީގެ 90 އިންސަތައަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ އިރު، ވެކްސިން ޖެހޭ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަދި 69 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.