އިންޑިއާގެ ވަރުގަދަ ކްލަބު، ބެންގަލޫރު އެފްސީ އަތުން ބަލިވެ ކްލަބު އީގަލްސްގެ އޭއެފްސީ ކަޕްގެ ދަތުރު ނިމުމަކަށް އަތުވެއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ކޮލިފިކޭޝަން މެޗުން އީގަލްސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބެންގަލޫރު އެފްސީން ޖެހި ހަމައެކަނި ގޯލަކީ ފުރަތަމަ ހާފުގައި ބެންގަލޫރުގެ ޖަޔޭޝް ރަނޭ ޖެހި ގޯލެކެވެ. 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފައިނަލް ކުޅުނު ބެންގަލޫރު އެފްސީ ގްރޫޕް ޑީއަށް ކޮލިފައިވެފައިވާ އިރު، އެޓީމުން މިފަހަރުގެ ގްރޫޕް ސްޓޭޖު މެޗުތަކަށް ނުކުންނާނީ އޭއެފްސީ ކަޕްގައި ނުފެނި އަހަރެއްގެ މެދުކެނޑުމަކަށް ފަހުއެވެ.
ބެންގަލޫރާއެކު ގްރޫޕް ޑީގައި ދެން ވާދަކުރާނެ ޓީމުތަކަކީ ރާއްޖޭގެ މާޒިޔާއާއި އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. އެ މެޗުތައްވެސް ސެންޓްރަލައިޒްކޮށް ކުޅޭނީ މާލޭގައެވެ.
މިރޭގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދެޓީމުންވެސް ވަނީ ޓީމު އިތުރަށް ވަރުގަދަ ކޮށްފައެވެ. ބޮޑެތި ޓްރާންސްފާތަކާއެކު ދެޓީމުންވެސް ނުކުމެފައިވާ އިރު، އީގަލްސްއިންވެސް ވަނީ ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެންގޮސްފައެވެ. އީގަލްސްއަށް ވަގުތީ ގޮތުން ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ)އާއި ގައުމީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)، ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއާއި އިސްމާއިލް އީސަ (މެސީ)، މުހައްމަދު އާރިފް (ބަކާ) ވެސް ހިމެނެއެވެ.
އޭގެ ތެރެއިން މިރޭގެ މެޗުގައި ދަގަނޑޭ ކުޅެފައެއް ނުވެއެވެ. ދަގަނޑޭ ޓީމުގައި ހިމަނައިގެން އީގަލްސްއިން މިރޭގެ މެޗަށް ތައްޔާރުވި ނަމަވެސް "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ ހާލަތު ހުރި ގޮތުން އީގަލްސްއިން ކޭމްޕު ކުރިއިރު ދަގަނޑޭ "ބަބުލް"ގެ ތެރެއިން ކޭމްޕް ކޮށްފައެއް ނުވެއެވެ. އެހެންކަމުން މިރޭގެ މެޗުގައި އޭނާއަށް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ. ޓީމު ޝީޓުގައި ދަގަނޑޭ ހިމެނިފައި ވަނީ "ނޮޓް އެލިޖިބަލް" ކުޅުންތެރިންގެ ތެރޭގައެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ބެންގަލޫރުން ބޯޅަ ހިފަހައްޓައިގެން ކުޅެ އީގަލްސްއަށް ޕްރެޝަރު ކުރިއެވެ. އޭރިއާ ތެރެއިން ސުނިލް ޗެތުރީގެ ނުރައްކާ ފާހަގަވެގެން ގޮސްފައިވާ އިރު، އޭނާ ނަގައިދިން ބޯޅައަކަށް ކްލީޓަަން އޮގަސްޓޯ ފޮނުވާލި ބާރު ވޮލީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ ފަހުން އީގަލްސްއިންވެސް މެޗަށް ވަދެ، ކައުންޓާގައި ރަނގަޅު ކޮމްބިނޭޝަންތައް ހަދައި، ނުރައްކާ ކުރިތަން ފެނުނެވެ.
އީގަލްސްގެ ޒުވާން ފޯވަޑް މުހައްމަދު ނާއިމްގެ ދެ ޕާހެއް ފާހަގަވެގެން ގޮސްފައިވާ އިރު، އެ ދެ ޕާހުންވެސް ފުރުސަތު ފަހުވީ މެސީއަށެވެ. މެސީއަށް ފުރަތަމަ ޕާހަށް ރަނގަޅަށް ނޭރި ބޯޅަ ފައިން ކައްސާލައިގެން ގޮސްފައިވާ އިރު، ދެވަނަ ޕާހަށް ވަދެ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޭނާ ހުރީ އޮފްސައިޑު މަގާމެއްގައި ކަމަށެވެ.
ބެންގަލޫރުން މެޗުގެ 25 ވަނަ މިނެޓުގައި ލީޑު ނެގީ އޭރިއާ ތެރެއަށް އަރިމަތިން އެއްލި ބޯޅައެއްގެ ފައިދާ ނަގައިގެންނެވެ. އެ ބޯޅަ އީގަލްސްގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށް އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދާލީ ރަނޭއެވެ. މިރޭގެ މެޗަކީ ބެންގަލޫރު އެފްސީގެ ޖާޒީގައި ރަނޭ ކުޅުނު ފުރަތަމަ މެޗެވެ. އޭނާ މިދިޔަ ސީޒަންގައި ކުޅުނީ މޯހަން ބަގާންއަށެވެ.
ދެވަނަ ހާފުގައިވެސް އީގަލްސްއިން ކައުންޓާއަށް ވިސްނައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް ބެންގަލޫރު ފެނުނީ ވަރުގަދައަށް ލީޑު ޑިފެންސް ކުރި މަންޒަރެވެ. މެޗުގެ ފަހު ކޮޅުގައި ބެންގަލޫރުގެ އިތުރު ހަމަލާތައް ފެނިފައިވީ ނަމަވެސް އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް